ޣާޒީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަޒުވަދު

ދެވަނައަށް ދިޔައީ، އަބްދުﷲ އާއި އިޒާން 3ވަނަ އަށް ދިޔައީ އީޝަލް

ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ފާއިތުވި އަހަރު އެންމެ މޮޅު ދަރިވަރަކަށް އަޒުވަދު ޒާހިދު ހަމީދު ހޯދައިފިއެވެ. 2ވަނަ ހޯދީ އަބްދުﷲ ބިން ހަސަން އާއި ޢުމަރު އިޒާން އަހުމަދެވެ. 3ވަނަ ހޯދީ ފާތިމަތު އީޝަލް އިސްމާޢިލްއެވެ.

އެ ސްކޫލުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި 2023-2024 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އިޖްތިމާއީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލެވެ.

އެއްވަނައަށް ދިޔަ އަޒުވަދު ވެފައިވަނީ ޢިލްމީ ބަގީޗާގައި އެފަދަ ދެވަނައެއް ނުވާފަދަ ކާމިޔާބު ރަންވަނަތަކެއް ހާސިލް ކޮށްފައިވާ ނަމޫނާ ދަރިވަރެއްގެ ގޮތުގައެވެ. އެގޮތުން ގިނަމާއްދާތަކުގެ ސަބްޖެކްޓް ޕްރައިޒް، އޮނަލިސްޓެޑް ޕްރައިޒް އަދި ގްރޭޑް 7 -10 އަކުން ސްކޫލް ޓޮޕްޓެން އެއްވަނަ މަގާމު ހާސިލް ކޮށްފައިވެއެވެ. ގުރޭޑް 10 ނިންމާފައިވަނީ މުޅި ސްކޫލުން އެންމެ މޮޅު 5 ދަރިވަރުންގެ ތެރެއިން އެއްވަނަ މަގާމުގައި ހިމެނިގެންނެވެ. ހަމަ އެއާއެކު  ޘާނަވީ މަރުޙާލާ އަޒްވަދު ނިންމާފައި ވަނީ 8 މާއްދާއިން އޭ ސްޓަރ ހޯދާ އުއްތަމަ އަރުތަވެރިންގެ ފަޚުރުވެރި 1 ވަނަ ހާޞިލްކޮށްގެންނެވެ.

އަޒުވަދުގެ ހުވަފެނަކީ މަތީ ތަޢުލީމު ނިންމުމަށްފަހު ސިވިލް އިންޖިނިއަރަކަށްވެ، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެހީތެރިވެދީ، މުޖުތަމައަށާއި ޤައުމަށް ޚިދުމަތްކުރުމެވެ.

މަރަދޫ ސްކޫލުގެ ގުރޭޑް 7 ކުން ފެށިގެން އިޒާންވަނީ ޕްރިފެކްޓް ކަމާއި، ހައުސް ކެޕްޓަންކަމާއި، އިސްލާމިކް ފޯރަމްގެ ޕްރެޒިޑެންޓް ކަމުގެ މަސްޢޫލިއްޔަތު އަދާކޮށްފައެވެ. ވޭތުވެދިޔަ ދެ އަހަރު ޣާޒީ ސްކޫލުގައި ކުރިއަށް ގެންދެވުނު ހުރިހާ ހަރަކާތްތަކެއްގައިވެސް އިޒާންގެ ލީޑަރޝިޕް ހުނަރު ވަރަށް ފުރިހަމައަށް ފެނިގެން ގޮސްދައިވެއެވެ. ޣާޒީ ސްކޫލުގައި އިޒާން އަދާކޮށްފައިވާ މަޤާމްތަކަށް ބަލާއިރު ގުރޭޑް 9 ގެ ޕްރިފެކްޓްކަމާއި ވޭތުވެދިޔަ އަހަރު ޣާޒީ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން އަދާކޮށްފައިވެއެވެ.

އިޒާން ގުރޭޑް 10 ނިންމާފައިވަނީ ހުރިހާ މާއްދާއަކުން މޮޅު ނަތީޖާއެއް ހޯދައި، މުޅި ސްކޫލުން އެންމެ މޮޅު 5 ދަރިވަރުންގެ ތެރެއިން ދެވަނަ ހާސިލް ކުރުމާއެކު ދަށު ޘާނަވީ މަރުޙާލާއިން 5 މާއްދާއިން އޭ ސްޓަރ، 3 މާއްދާއިން އޭ ހޯދާ،  އުއްތަމަ އަރުތަވެރިންގެ ފަޚުރުވެރި 4 ވަނަ ހާޞިލްކޮށްގެންނެވެ.

އިޒާންގެ ހުވަފެނަކީ މަތީ ތަޢުލީމު ނިންމުމަށްފަހު، ބަޔޯކެމިސްޓްރީގެ ދާއިރާއިން ގައުމަށް ހިދުމަތްކޮށް އެދާއިރާ ފުޅާކުރުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރުމެވެ.

ދެވަނަ ހޯދި އަބްދުﷲ، ގުރޭޑް 10 ނިންމާފައިވަނީ ހުރިހާ މާއްދާއަކުން މޮޅު ނަތީޖާއެއް ހޯދައި، މުޅި ސްކޫލުން އެންމެ މޮޅު 5 ދަރިވަރުންގެ ތެރެއިން ދެވަނަ މަގާމް ހާސިލް ކޮށް، ދަށު ޘާނަވީ މަރުޙާލާއިން  5 މާއްދާއިން އޭ ސްޓަރ ހޯދާ އުއްތަމަ އަރުތަވެރިންގެ ފަޚުރުވެރި 4 ވަނަ ހާޞިލްކޮށްގެންނެވެ.

އަބްދުﷲ ވަނީ ޣާޒީ ސްކޫލުގެ ޕްރިފެކްޓް އަދި ސީނިއަރ ޕްރިފެކްޓްކަމާއި މެތްސް ކްލަބުގެ ޑެޕިއުޓީ ޕްރެޒިޑެންޓްކަން އަދި 2023 -2024 ވަނަ އަހަރު ސްކޫލުގެ ގޭމްސް ކެޕްޓަންކަމުގެ މަޤާމު އަދާކޮށްފައެވެ.

އަބްދުﷲ ގެ ޝައުގުވެރިކަން މިވަގުތު ހުރީ، މަތީތަޢުލީމު ނިންމުމަށްފަހު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށް ނުވަތަ މިލިޓަރީ އިންޖިނޭރިންގ ދާއިރާއިން ގައުމަށް ހިދުމަތް ކޮށްދިނުމަށެވެ.

3 ވަނަ ހޯދި އީޝަލް، ގުރޭޑް 10 ނިންމާފައިވަނީ ހުރިހާ މާއްދާއަކުން މޮޅު ނަތީޖާއެއް ހޯދާއި، މުޅި ސްކޫލުން އެންމެ މޮޅު 5 ދަރިވަރުންގެ ތެރެއިން ހަތަރުވަނަ އަދި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުން 3 މާއްދާއިން އޭ ސްޓަރ އަދި 5 މާއްދާއިން އޭ ހޯދައި އުއްތަމަ އަރުތަވެރިންގެ 6 ވަނަ މަގާމު ހާޞިލްކޮށްގެންނެވެ.

އީޝަލްއަކީ ހޭންޑް ބޯލް ކުޅުމަށް ހުނަރުވެރި މި ދަރިވަރަކީ ސްކޫލުގެ އިސްމަޤާމުތައް ފުރާފައިވާ ނަމޫނާ ދަރިވަރެކެވެ. އެގޮތުން ޕްރިފެކްޓް އަދި ސީނިއަރ ޕްރިފެކްޓްކަމާއި، 2023 ވަނަ އަހަރު އެންވާރުމެންޓް ކުލަބުގެ ވައިސް ޕްރެޒިޑެންޓް ކަމާއި، އަދި ފާއިތުވެ ދިޔަ އަހަރު، ސްކޫލްގެ އާރޓް އެންޑް ކްރާފްޓް ކްލަބުގެ ޕްރެޒިޑެންޓް ކަމުގެ މައްސޫލިއްޔަތު އީޝަލް ވަނީ އަދާކޮށްފައެވެ.

މުސްތަޤްބަލްގައި ޗާރޓާރޑް އެކައުންޓެންޓަކަށްވުމުގެ ފޮނި އުއްމީދުގައި ހުރި އީޝަލް ބޭނުންވަނީ މާލީ ދާއިރާއިން އިސްދައުރެއް އަދާކޮށް، އެރޮގުން ގައުމަށް ހިދުމަށް ކޮށްދޭށެވެ.

 

 

 

 

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *