ވީއައިއެޗްއެސް އަށް 15 އަހަރު، އަހަރީ ދުވަހުގެ ހަރަކާތްތައް ގެންދިޔައީ ހަފުތާއަކަށް

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އަށް 15 އަހަރު ފުރިއްޖެއެވެ. ވީއައިއެޗްއެސް އުފެއްދީ 2010 ވަނަ އަހަރުގެ އެޕްރީލް 7 ގައެވެ.  15 އަހަރީ ދުވަހުގެ ހަރަކަތްތައް އެ ސްކޫލުން ކުރިއަށް ގެންދަނީ ހަފްތާއަކަށް ބަހާލައިގެން "ވީ ވީކް"ގެ ނަމުގައެވެ.

އަހަރީ ދުވަހުގެ ހަރަކާތްތައް ފެށީ މެއި މަހުގެ 15 ދުވަސްވީ ބުރާސްފަތި ދުވަހު ފަތިސްނަމާދުގެ ބަރަކާތުންނެވެ. އެއަށްފަހު ޤުރުއާންކިޔެވުމާއި ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުމަށް ފަހު، ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

"ވީ ވީކް"ގެ ނަމުގައި ހަފުތާއަކަށް ދެމިގެންދާ ގޮތަށް ކޮންމެ ދުވަހަކު ވަކި ވަގުތެއްގައި ސްކޫލުގެ އެކިއެކި ކްލަބުތަކުން ޚާއްޞަ ހަރަކާތްތައް ރާވައިގެން ކުރިއަށް ގެންދިޔައެވެ. މި ހަރަކާތްތަކުގެ ތެރޭގައި ސްކޫލުގެ ސްޓޫޑެންޓް ލީޑާސްއާއި ޕްރެފެކްޓްސް ގުޅިގެން ދަރިވަރުންގެ ޓެލެންޓް ޝޯވއެއް ބޭއްވުމުގެ އިތުރުން ފުޑް ސްޓޯލެއް ކުރިއަށް ގެންދިޔައެވެ. މި ހަރަކާތުން ދަރިވަރުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިތުރުން އެކުވެރީންނާ އެކު ހީސަމާސާކޮށްލަން ވަގުތުކޮޅެއް ލިބިގެން ދިޔައެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔައީ "ވީ ރަން"ގެނަމުގައި ދުވުމުގެ ހަރަކާތެކެވެ. ހުޅުމާލޭ ސެންޓަރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ދުވުމުގައި މިހާރާއި ކުރީގެ ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިން ބައިވެރިވިއެވެ.

"ވީ ވީކް"ގެ ދަށުން، ސައިންސް ކްލަބް "ޔުރެކާ"އާއި ތިމާވެށި ކްލަބް "ނޭޗަރ ނާޗަރރަސް" އަދި "ފިޝަރީޒް އެންޑް އޯޝަން ކްލަބް" އިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުން އެކިއެކި އިވެންޓްތައް ރާވައި ހިންގަން ދަސްވުމުގެ އިތުރުން ސައިންސްގެ އެކިއެކި އެކްސްޕެރަމެންޓް ހެދުމާއި އިންޖޭނަރިންގެ ތަފާތު ހުނަރުތައް ތަޖުރިބާކުރުމުގެ ފުރުސަތު އާދީއްތަ ދުވަހު ފަހިކޮށްދީފައިވެއެވެ.

ދިވެހި ކްލަބު "އަދަބީ ބުރުޖް"ގެ ފަރާތުން "ވީ ވީކް"ގެ ހޯމަ ދުވަސް ޚާއްޞަކުރީ "ކަލްޗަރަލް ޑޭ" އެއްގެ ގޮތުގައެވެ. މި ދުވަހު ދިވެހީންގެ ސަގާފީ ހެދުމުގައި ދަރިވަރުން ސްކޫލަށް އައުމުގެ ފުރަސަތު ފަހިވެގެން ދިޔައެވެ. މީގެ އިތުރުން ދިވެހިބަހާއި އަދަބިއްޔާތާއި ގުޅުންހުރި އެކިއެކި ކުޅިވަރުތައް ކުޅުމާއި ދިވެހި ރަހަތަކުން މުއްސަނދި ކެއުންތަކަށެވެ. މި ދުވަހު އިސްލާމް ކްލަބް "ނޫރުލް އިސްލާމު"ގެ ފަރާތުން ވެސް އިސްލާމް ދީނާ ގުޅުން ހުރި އެކިއެކި ހަރަކާތްތަކާ ކްއިޒްތައް ކުރިއަށް ގެންދެވުނެވެ.

"ވީ ވީކް"ގައި މިދިޔަ  އަންގާރަ ދުވަސް ޚާއްޞަކުރީ  އެސްތެޓިކް ކްލަބާއި ބިޒްނަސް ކްލަބު އަދި މީޑިއާ ކްލަބުގެ އެކިއެކި ހަރަކާތްތަކަށެވެ. ދަރިވަރުންގެ ތަފާތު ހުނަރުތައް މި ދުވަހު ފެނިގެން ދިޔައެވެ. މިގޮތުން ބޮޑުބެރުގެ ފޯރިގަދަ އައިޓަމްތަކާއި ނެށުމާއި ލަވަކިޔުމުގެ އިތުރުން ދަރިވަރުންގެ ފޮޓޯގްރަފީގެ ހުނަރުތައް ފެނުނެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔައީ އިނގިރޭސި ކްލަބް "އިންގްލިޝް ކޮންސޯޝިއޯ"ގެ ފަރާތުން އެލިސް އިން ވޮންޑަރ ލޭންޑް ތީމްއަށް ދަރިވަރުން ބޭއްވި ޝައުގުވެރި ހަރަކާތްތަކުންނެވެ. އެހެންމެ ހިތްގައިމު ގޮތަކަށް ސައި މޭޒު ތައްޔާރުކޮށް ސަޔަށް އިންސާފުކުރަން ލިބުނެވެ. ބުރާސްފަތި ދުވަހު މި ސްކޫލުގެ މުދައްރިސުންގެ ހުނަރު ދައްކާލުމާއި ތަފާތު ވައްތަރުގެ ކެއުމަށެވެ.

15 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ އޮތީ ހޮނިހިރު ދުވަހުއެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ޖަލްސާގައި އެ މަނިކުފާނުވަނީ ވަރަށް އިބުރަތްތެރި އަގުހުރި ނަސޭހަތްތައް ދެއްވާފައެވެ.  އެގޮތުން ދިރާސީ ހަޔާތުން ދަރިވަރުން ދަސްކުރަންވީ މުހިއްމު ކަންކަމާ މެދު ވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ގޮތުން ކަންކަމާ މެދު ވިސްނައި ފިކުރުކުރުމުގެ މުހިއްމުކަމާއި ޚަލްޤުތަކުންނަށް އޯގާތެރިވުމާއި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ހުނަރުތައް ދަސްކުރުމުގެ މުހިއްމުކަމާއި ދުނިޔެއަށް ހެޔޮ ހަނދާންތައް ދޫކޮށްލުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ.

މި ޖަލްސާގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް ގިނަ ދުވަހު ޚިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް "ލެގަސީ" އެވޯޑްގެ ނަމުގައި އެވޯޑް ވަނީ ދެއްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *