ސިންގަޕޫރުގެ މެތް އޮލިމްޕިއާޑުން 59 މެޑަލް ހޯދައިގެން ބްރައިޓްވޭގެ ދަރިވަރުން ފައިނަލް ބުރަށް

ސިންގަޕޫރު އެންޑް އޭޝިއަން ސްކޫލްސް މެތު އޮލިމްޕިއާޑް (ސަސްމޯ) އިން ބްރައިޓްވޭ އިންޓަރނޭޝަނަލްގެ ދަރިވަރުން ފުރިހަމަ ކާމިޔާބެއް މި ފަހަރު ހޯދައިފިއެވެ.

ސަސްމޯގައި މި އަހަރު 42 ޤައުމެއްގެ 8163 ސްކޫލަކުން 66،000 ދަރިވަރުން ވާދަކުރިއެވެ. ހިސާބުގެ އާދަޔާ ޚިލާފު ހުނަރުވެރިކަން ދައްކުވައިދީ، 14 ގައުމަކުން 53 ދަރިވަރަކު ވަނީ ގްރޭޑް 2، 3، 4، 5، 6، 8، 10، 11 އަދި 12 އިން ޕާފެކްޓް ސްކޯ ހާސިލްކޮށްފަ އެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވީ، ސިންގަޕޫރުގެ ކަރިކިއުލަމަށް ރާއްޖޭގައި ހަމައެކަނި ކިޔަވައިދެމުން ގެންދާ ބްރައިޓްވޭ އިންޓަރނޭޝާނަލް ސްކޫލުންނެވެ. ސަސްމޯގައި މި އަހަރު އެ ސްކޫލުގެ 143 ދަރިވަރުން ބައިވެރިވެ، 59 މެޑަލް ހޯދިއެވެ. މީގެ ތެރޭގައި އެހެން ޤައުމުތަކުގެ ދަރިވަރުންނާ ވާދަކޮށް ބްރައިޓްވޭގެ 15 ދަރިވަރުން ހޯދި ރަން މެޑަލް ހިމެނެއެވެ. އަދި އެ ސްކޫލުގެ 19 ދަރިވަރުން ރިހި މެޑަލް ހޯދިއިރު 25 ދަރިވަރުން ލޯ މެޑަލް ހޯދާފައިވެއެވެ.

ސަސްމޯއިން މެޑަލް ހޯދާ ދަރިވަރުން ކޮލިފައި ވާނީ  ސިންގަޕޫރު އިންޓަނޭޝަނަލް މެތު އޮލިމްޕިއާޑް ޗެލެންޖް (ސިމޮކް) އަށެވެ. މި މުބާރާތް ކުރިއަށް ދާނީ އަންނަ ޖުލައި މަހުގެ 5ން 9އަށެވެ. ސިމޮކް އަށް 49 ދަރިވަރުން ކޮލިފައިވި ނަމަވެސް މާލީ ސަބަބުތަކާ ހުރެ އެ މުބާރާތުގައި ބައިވެރިވަނީ 30 ދަރިވަރުން ކަމަށް ބްރައިޓްވޭއިން ބުނެއެވެ.

ސަސްމޯ އަކީ ހިސާބުގެ އިލްމްގައި ދަރިވަރުންގެ ހުނަރުތައް ދައްކާލުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ ދަރިވަރެއްގެ ކިބައިގައި ވެސް ހިސާބުގެ ޝައުގުވެރިކަން އަލުން އާލާކުރުމަށް އެކުލަވާލާފައިވާ މުބާރާތެކެވެ. ސަސްމޯ މުބާރާތް ކުރިއަށް ގެންދަނީ ސްކޫލްތަކުގެ ކަރިކިއުލަމާ ގުޅުވައިގެންނެވެ. ސަސްމޯ މުބާރާތަށް ދަރިވަރުން ތައްޔާރުވުމުގެ ސަބަބުން ޕީއެސްއެލްއީ އަދި އޯލެވެލް އިމްތިހާނަށް  އެހީތެރިވެދެ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *