ރާއްޖޭގައި ހެދޭ އޮނުގަހުގެ އިލްމީ ފުރަތަމަ ދިރާސާ ހަދަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އެޓްމޮސްފިއަރ ފައުންޑޭޝަނާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒު އާދަމެވެ. އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ނައިބު ރައީސް ޢަބްދުލްޢަޒީޒް ޢަބްދުލްޙަކީމެވެ.

މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ:
– ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެންނަ އޮނުގަހުގެ ބާވަތްތައް ދެނެގަނެ ގިންތިކުރުން
– އޮނުގަހުގެ ބާވަތްތަކުގެ މޮފޮލޮޖިކަލް އެނަލިސިސްއެއް ހެދުން.
– އޮނުގަހުގެ ސަބަބުން ބިމަށް ކުރާ އަސަރު ދެނެގަތުން.
މިއަދުގެ ރަސްމިއްޔާތުގައި، އެޓްމޮސްފިއަރ ފައުންޑޭޝަންގެ ރައީސް ޢަބްދުލްޢަޒީޒް ޢަބްދުލްޙަކީމް ވިދާޅުވި ގޮތުގައި، ވަރަށް ކުރީޒަމާނުއްސުރެ ރާއްޖޭގައި އޮނު ހައްދަމުން އަންނަ ކަމަށާއި އެކަމަކު އޮނުގަހުގެ އިލްމީ ދިރާސާއެއް މިހާތަނަށް ހެދިފައި ނެތް ކަމަށެވެ. އެހެންވެ އެމްއެންޔޫއިން ކުރާ ދިރާސާ ވަރަށް ތާރީޚީ ދިރާސާއަކަށް ވެގެންދާނެ ކަމަށާއި ރާއްޖޭގައި ހެއްދެނީ ކޮންބާވަތެއްގެ އޮނެއްތޯއާއި، އޮނު ހެދޭ ތަންތަނާއި އަދި އޮނު ހެދޭ ތަންތަނުގެ ވެލީގެ ހާލަތު މި ދިރާސާއިން ދެނެގަނެވޭނެ ކަމަށް އެނާ ވިދާޅުވިއެވެ.

ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޓްމޮސްފިއަރ ފައުންޑޭޝަނުން އަންނަނީ ރާއްޖޭގައި އޮނު ހައްދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޮނު ހައްދަނީ ތިމާވެއްޓާ ރައްޓެހި އަދި ޖައްވުގައި އޮކްސިޖެން ލެވެލް މަތި ކޮށްދޭން އެހީ ވެދޭ ގަހަގަކަށް އެ ގަސް ވާތީއެވެ.
އަބްދުލް އަޒީޒު ވިދާޅުވީ، ރާއްޖޭގައި އާންމުކޮށް ހެދޭ ހިރުނދާއި ދިއްގާ އާއި ކާނި އަދި މަގޫ ގަސްތަކާއަޅާ ބަލާއިރު، ޖައްވަށް ދޫކުރާ ދުންތައް ޖައްވުން ދަމައިގަނެ، ނޭވާލަން ބޭނުންކުރާ އޮކްސިޖަން ޖައްވަށް އެންމެ ގިނައިން ދޫކުރަނީ އޮނުގަސްތަކުން ކަމަށެވެ. އެހެންވެ ކާބަލް ނިއުޓްރަލް ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން އަންނަނީ ހދ. ވައިކަރަދޫއާއި ށ. ގޮއިދޫގައި އޮނު އާލާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިޔާއިން 14 ބާވަތެއްގެ އޮނު ރާއްޖެ ގެނެސް ދަނީ އާލާކުރަމުންނެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައްދަން ހިލޭ އޮނުގަސް ފޯރުކޮށްދެމުން ވެސް ގެންދެއެވެ.
advertisment
ހިޔާލު