ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޖޮބް ފެސްޓިވަލް ފަހި ފުރުޞަތު މާދަމާ ފަށާނެއެވެ. މި ފެސްޓިވަލުގައި މި ފަހަރު 32 ފަރާތްތަކުން ބައިވެރިވެއެވެ. ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނެއެވެ.
އެ ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނަށާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މި ޖޮބް ފެސްޓިވަލް ކުރިއަށް ދާނީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ ހަވީރު 04:00 ން ރޭގަނޑު 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.
މާލެ ކެމްޕަސްގެ އިތުރުން އެމްއެންޔޫގެ އަތޮޅު ކެމްޕަސްތަކުގައިވެސް މިފެސްޓިވަލް ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފައެވެ.
އެމްއެންޔޫއިން ބާއްވާ ޖޮބް ފެސްޓިވަލުގެ ތެރެއިން ވަޒީފާ ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ހުޅުވިގެންދެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ.
އެމްއެންޔޫއިން ބުނީ، މި ޖޮބް ފެސްޓިވަލް ބޭއްވުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމާއި، އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުޞަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ.
ހިޔާލު