މެއި، އިންޓޭކުގައި ވިލާ ކޮލެޖްގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުންނާއި، ކޮލެޖުގެ މާޙައުލަށް އެ ދަރިވަރުން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި، އިއްޔެއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ޚާއްޞަ "އޯ ވީކް" ފަށައިފިއެވެ. މި ހަރަކާތްތައް މޭ 20 ވަނަ ދުވަހުން ފެށިގެން މޭ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އޮރިއެންޓޭޝަން ހަފްތާގެ ފުރަތަމަ ދުވަހު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 ގެ ނިޔަލަށް "ފެކަލްޓީ އޮރިއެންޓޭޝަން" ކުރިއަށް ގެންދިޔައެވެ. މި ސެޝަން ކެމްޕަހުގައި އަދި އޮންލައިންކޮށް ގޫގުލް މީޓް މެދުވެރިކޮށް ކުރިއަށް ގެންދިޔައެވެ. މި ބައްދަލުވުމުގައި ކޮލެޖުގެ އެކިއެކި ފެކަލްޓީތަކުގެ އިސްވެރިންނާއި ތަޖުރިބާކާރު ލެކްޗަރާއިން އަލަށް ކިޔަވަން ފަށާ ދަރިވަރުންނާ ބައްދަލުކުރައްވައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި ކޮލެޖުގެ ދަރިވަރުންނާ ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ހިއްސާކުރެއްވިއެވެ.
މިއަދާއި މާދަމާގައި ވެސް މުހިންމު ދެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަރަކާތެއްގެ ގޮތުގައި "ވީސީ ސްކެވެންޖަރ ހަންޓް" ކެމްޕަހުގައި އޮންނާނެއެވެ. މި ހަރަކާތް ފައުންޑޭޝަން ދަރިވަރުންނަށް ހަވީރު 4:00 އިން 6:00 އަށް އަދި އަންޑަރގްރެޖުއޭޓް ދަރިވަރުންނަށް ރޭގަނޑު 7:00 އިން 9:00 އަށް ކުރިއަށްދާނެއެވެ. މި ހަރަކާތުގެ ތެރެއިން ދަރިވަރުންނަށް ކޮލެޖުގެ އިދާރާތައް ކަމުގައިވާ ރެޖިސްޓްރޭޝަން ފައިނޭންސް އިމްތިޙާނުތަކާބެހޭ ބައި އަދި ލާރނިންގ ސަޕޯޓް ފަދަ ތަންތަނުގެ މުވައްޒަފުންނާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ބުދަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ދަރިވަރުންނާ ބައްދަލުކުރައްވައި މަރުޙަބާ ދެންނެވުމުގެ ޚާއްޞަ ސެޝަނެއް ކުރިއަށް ގެންދާނެނެއެވެ. މި ސެޝަން ކިޔުއައި ކެމްޕަހުގެ މައި ހޯލުގައި ކުރިއަށްދާއިރު އޮންލައިންކޮށް ބައިވެރިވާ ދަރިވަރުންނަށް ޒޫމް މެދުވެރިކޮށް މި ސެޝަންގައި ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އޮރިއެންޓޭޝަން ހަފްތާގެ ފަހު ދުވަސް ކަމުގައިވާ ބުރާސްފަތި ދުވަހު، "ވީސީ ވާޗުއަލް ވެންޗަރ"ގެ ނަމުގައި އޮންލައިން ސެޝަނެއް ގޫގުލް މީޓް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. މިއީ ދުރު ގައި ތިބެގެން ކިޔަވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން އެކުވެރި މާޙައުލެއްގައި އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް، ކޮލެޖާބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދީ، ކޮލެޖުގެ މާޙައުލަށް ހޭނު މަށް އެހީތެރިވުމުގެ ގޮތުން ބާއްވާ އިންޓަރެކްޓިވް ސެޝަނެކެވެ.
ވިލާ ކޮލެޖުގެ ސް ޓޫޑެންޓް ސަރވިސަސްގެ މެނޭޖަރ، ފާތިމަތު ޖަޒްލީ އާމިރު ވިދާޅުވި ގޮތުގައި "އަޅުގަނޑުމެންގެ އުންމީދަކީ މި ހަރަކާތްތަކުގެ ސަބަބުން ކޮންމެ ދަރިވަރަކަށްވެސް ކޮލެޖުގެ ޚިދުމަތްތަކާއި ފުރުސަތުތަކާ ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ލިބި، ކޮލެޖުގައި ހޭދަކުރާ ދުވަސްތަކަކީ ބިނާކުރަނިވި، އަދި ކާމިޔާބު ދުވަސްތަކަކަށް ހެދުމަށް މަގުފަހިވެގެން ދިއުމެވެ.
ވިލާ ކޮލެޖުން އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުންނަށް އެންމެ ފުރިހަމަ ތަޢުލީމީ ތަޖުރިބާއެއް ފޯރުކޮށްދިނުމަށާއި، އެކުވެރި އަ ދި އެހީތެރި މާޙައުލެއް ޤާއިމުކުރުމަށެވެ. މި އޮރިއެންޓޭޝަން ހަފްތާއިން ކޮލެޖުން އެ އަމާޒަށް ވާސިލުވުމަށް ދޭ އަހައްމިއްޔަތުކަމާއި އެކަމަށްޓަކައި ކުރާ މަސައްކަތް ފެނިގެން ދެއެވެ.
advertisment
ހިޔާލު