މަތިވެރީގައި ޤުރުއާން ހިތުދަސްކޮށް ޙާފިޒަކަށްވާ ކޮންމެ ކުއްޖަކަށް 50،000 ރުފިޔާގެ އިނާމެއް

އއ. މަތިވެރީގައި ޤުރުއާން ހިތުދަސްކޮށް ޙާފިޒަކަށްވާ ކޮންމެ ކުއްޖަކަށް 50،000 ރުފިޔާގެ އިނާމެއް ދޭން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

މަތިވެރީ ކައުންސިލްގެ ރައީސް މުޙައްމަދު އަސްލަމް ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެ ރަށުގައި ޤުރުއާން ކިޔެވުމުގެ ރޫޙް އުފައްދައި ހާފިޒުން އުފެއްދުމަކީ އެއީ އެ ރަށު ކައުންސިލުން ކުރަން ބޭނުންވާ މުހިންމު މަސައްކަތެއް ކަމަށާއި ރަށުގެ ތަރައްޤީގެ ޕްލޭނުގައި ވެސް އެކަން ހިމަނާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހޯދާ ކޮންމެ ކުއްޖަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ވެސް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ޤުރުއާން ކިޔެވުމަށާއި ހާފިޒުން އުފެއްދުމަށް ބާރުއެން  ކަމަށެވެ.

އަސްލަމް ވިދާޅުވީ، މިހާތަނަށް އެ ރަށުގައި ހާފިޒެއް ނެތް ކަމަށާއި އެހެން ނަމަވެސް ދެ ކުއްޖަކު ހާފިޒުކަމުގެ އެންމެ ފަހު މަރުހަލާގައި މިހާރު އެބަތިބި  ކަމަށެވެ.

"އެއްކުއްޖަކު މިއަދު ނޫނީ މާދަމާ ވެސް ހާފިޒަކަށް ވުމުގެ މަގުމަތީގައި ވަނީ. އުއްމީދު ކުރަނީ މި އަހަރުގެ ތެރޭގައި އެ ދެކުދިން ވެސް ހާފިޒުންނަށް ވުން" އަސްލަމް ވިދާޅުވިއެވެ.

މަތިވެރީގައި އަމިއްލަ ފަރާތަކުން ޕްރީ ސްކޫލަކާއެކު ޤުރުއާން ކުލާހެއް ހިންގަމުން ގެންދެއެވެ. މި ދެ ދަރިވަރުން ހާފިޒަކަށް ވުމަށް ކުރަމުންދާ ދަތުރުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދަނީ ވެސް އެ ޤުރުއާން ކުލާހުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *