ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން އެޑިޔުކޭޝަން މިނިސްޓްރީން އިސްނެންގެވުމާ އެކު ތ. އޮމަދޫ ސްކޫލުން ބޭނުންވީ، އެރަށުގައި ދިރިއުޅެމުންދާ ކުދިން ކުރިން ތަޖުރިބާ ނުކުރާ ފަދަ އުފާވެރި ކުޑަކުދިންގެ އީދެއް ގެންނާށެވެ. ދިވެހި ސަޤާފަތާއި ޒަމާނީ ކުލަވަރު ހިމަނައިގެންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މެއި މަހުގެ 10 ވަނަ ދުވަހު އެ ހަރަކާތްތައް އެ ރަށުގައި ބޭއްވޭ ގޮތެއް ނުވިއެވެ. އެހެންވެ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް އޮމަދޫގައި ކުރިއަށް ގެންދިޔައި މިދިޔަ ބުރާސްފަތިދުވަހުއެވެ.
ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ އޮމަދޫ ސްކޫލުގެ މުދައްރިސުންނާއި ސްޓާފުންގެ އިތުރުން އެރަށު ކައުންސިލާއި ފެނަކަ އޮމަދޫ ބްރާންޗާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސިއްޚީމަރުކަޒާއި ބެލެނިވެރިން ގުޅިގެންނެވެ.
ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކަށް އޮމަދޫ ސްކޫލާއި އެރަށު މުއައްސަސާތަކާއި ބެލެނިވެރިން ތައްޔާރުވާން ފެށީ މަހެއްހާ ދުވަސް އޮއްވައެވެ. ދުވަހުގެ ހަރަކާތްތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ ސްކޫލުގެ ތެރޭގައާއި ސްކޫލުން ބޭރުގައެވެ. ސްކޫލުގެ ތެރޭގައި ކުރިއަށް ގެންދިޔައީ ވަކިވަކި ސްޓޯލްތައް ހަދައިގެން ތަފާތު ވައްތަރުގެ ކުޅިވަރުތަކެވެ. ސްކޫލުން ބޭރުގައި ކުރިއަށް ގެންދިޔައީ ފުޅަނދު ބުރެކެވެ.

ސްކޫލުގެ ތެރޭގައި ހަތް ސްޓޯލެއް ތައްޔާރު ކުރީ ކުދިން ޝަޢުޤުވެރިވާނެ ގޮތައް ތަފާތު ދެ ތީމަކަށް ބަހާލައިގެންނެވެ. އެ ސްކޫލުން ދެ ސްޓޯލް ތައްޔާރުކުރިއިރު، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވެސް ސްޓޯލް ތައްޔާރުކުރިއެވެ. އަދި ފެނަކަ އޮމަދޫ ބްރާންޗާއި ސިއްޚީމަރުކަޒާއި ބެލެނިވެރިން ވެސް ސްޓޯލް ތައްޔާރު ކުރިއެވެ. ސްޓޯލްތައް ކުރިއަށް ގެންދިޔައީ ވަކިވަކި ތީމްތަކަކަށް ބިނާކޮށް، ތަފާތު ކުޅިވަރުގެ ހަރަކާތްތަކުގެ އިތުރުން ހަދިޔާވެސް ލިބޭ ގޮތަށެވެ.

ފުޅަނދު ބުރު ތައްޔާރުކުރީ، ދިވެހި ސަޤާފަތާއި ފަންނުވެރިކަން ފެންނާނެ ފަދަ ގޮތަކަށެވެ. އެގޮތުން ސަންގުފުމުމާއި ދިވެހިންގެ އިހުގެ މަސައްކަތްތެރިކަން ފުޅަނދުތަކުން ފެނިގެންދިޔައެވެ.

އޮމަދޫ ސްކޫލުގެ ޕްރިންސިޕަލް ސަހީރާ ހުސައިން ވިދާޅުވީ، އެރަށުގެ ހުރިހާ މުއަސްސަސާތަކެއް ގުޅިގެން ކުޑަކުދިންގެ ދުވަހު ކުރިއަށް ގެންދިޔަ އުފާވެރި އާއިލީ އީދުން އެރަށުގެ ކުދިންނަށް ލިބުނީ މިހާތަނަށް ނުލިބޭ ފަދަ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ. ކުރިން ތަޖުރިބާ ނުކުރެވި ނުފެންނަ އެތައް ކަންތައްތަކެއް ފެނުމުގެ ފުރުޞަތު ކުދިންނަށް ހޯދައިދެވުމަކީ އެ ސްކޫލުގެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުދިން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހި އުފަލުން. ކުރިން ނުފެންނަ އެތައް ކަމެއް ފެނުނީމާ. ޚާއްޞަކޮށް ފުޅަނދުތަކަށް އެ ކުދިންގެ ޝައުޤުވެރިކަން ވަރަށް ބޮޑު. ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް އެ ހަރަކާތްތައް ވީ ތަފާތު ކަމަކަށް. " އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންނަށް ތަފާތު އީދެއް ގެނައުމުގައި ކުޑަކުޑަ އާބާދީއެއް އޮތް އޮމާދޫން ދެއްކީ ތަފާތު ބޮޑު ނަމޫނާއެކެވެ.
" ސްކޫލުން ބޭނުންވާ ކޮންމެ ކަމެއްގައި ރައްޔިތުންނާއި ހުރިހާ މުއައްސަސާތަކުން އެހީތެރިކަމެއް ފޯރުކޮށްދޭ. އެއީ އަޅުގަނޑުމެންނަށް މިފަދަ ކޮންމެ ކަމެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގެ އަޞްލު. އެ ހުރިހާ ފަރާތްތަކަށް ސްކޫލުގެ ނަމުގައި ޚާއްޞަ ޝުކުރެއް ރައްދުކުރަން" ސަހީރާ ވިދާޅުވިއެވެ.


advertisment
ހިޔާލު