ފަންނުވެރިކަން ދައްކުވައިދޭ ގޭޓެއް، ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފެލިދޫ ކައުންސިލުގެ އެހީގައި ހަދައިދީފިއެވެ. މި ގޭޓް ރަސްމީކޮށް ހުޅުވީ މި މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް އެރަށުގައި ފެށުމުގެ ގޮތުންނެވެ.
ވ. އޭއީސީގެ ގޭޓުން ފެންނަ ފަރުމާއަކީ އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަޙްމަދު މުޖްތަބާގެ އިރުޝާދާއެކު ރ. މީދޫ ފެންފިޔާޒުގެ އަބްދުލް އަޒީޒު އިބްރާހިމް ކުރެވި ފަރުމާއެކެވެ. އަރަބި އިސްލާމިކް ފަރުމާތަކެއް އަސްލަކަށް ބަލައިގެން ފަރުމާކުރި ގޭޓުން ރަމްޒުކޮށްދެނީ ޤުރުއާން ކިޔަވަން ބޭނުންކުރާ ފޮތްގޮނޑިއެކެވެ. އެ ފަރުމާގައި ބޭނުންކޮށްފައިވާ ފަސް ތަނބުން ރަމްޒުކޮށްދެނީ އެ ސްކޫލުގެ ފަސް ވެލިއުއެވެ.

ވ. އޭއީސީގެ ޕްރިންސިޕަލް ރާފިއު ޖަމީލު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެރަށު ކައުންސިލުގެ ފަރާތުން އެ ސްކޫލަށް ހަދިޔާކުރި ގޭޓުން ޒަމާނީ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ ކަމަށާއި އެއީ ދަރިވަރުންނާއި މުވައްޒަފުންނަށް ވެސް ލިބިގެން ދިޔަ އުފަލެއް ކަމަށެވެ. އެކަން ދަރިވަރުންނާއި ބެލެނިވެރިންނާއި ރަށުގެ އެންމެން ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމާނީ ގޭޓެއް ހެދުމަށް ގާތްގަޑަކަށް 300،000 އެއްހާ ރުފިޔާ ފެލިދޫ ކައުންސިލުން ޚަރަދުކޮށްފައިވެއެވެ.

ރާފިއު ވިދާޅުވީ، ތައުލީމަށް ޚާއްޞަ ސަމާލުކަންދޭ ރައްޔިތުންތަކެއް ފެލިދޫގައި އުޅޭއިރު، އެ ސްކޫލަށް ބޭނުންވާ ހުރިހާ ކަމެއްގައި ރަށުގެ ހުރިހާ މުއައްސަސާއަކުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.
ރާފިއު ވިދާޅުވީ، އެ ސްކޫލުގެ ގޭޓަށް ގެނައި ބަދަލާއެކު އެތަން ވެފައި ވަނީ މޮނިއުމަންޓަކަށް ކަމަށާއި ދަރިވަރުންނާއި އަދި އެރަށަށް ބޭރުން އަންނަ ފަރާތްތަކުން ފޮޓޯނަގަން ބޭނުންކުރާ ތަނަކަށް ވެސް އެތަން ވެއްޖެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވީ ދަރިވަރުން ސްކޫލަށް ވަދެގެންދާއިރު ވެސް ހިތްގައިމު އުފާވެރި މާހަލެއް އެ ކުދިންނަށް ހޯދައިދޭން. އެކަން ޙާޞިލް ވަމުން މިދިޔައީ" ރާފިއު ވިދާޅުވިއެވެ.
advertisment
ހިޔާލު