ސްކޫލްތަކުގެ ދަރިވަރުންނަށް، ފަހި އެމްއެންޔޫގެ ނަމުގައި ގައިޑެންސް ސެޝަންތައް ނަގައިދޭން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޓީމްތަކެއް އަތޮޅުތަކުގެ ރަށްތަކަށް ދަތުރުތަކެއް ފަށައިފިއެވެ. މި ދަތުރުގައި އެ ޔުނިވަރސިޓީގެ އިސް ފަރާތްތަކުން ބައިވެރިވެއެވެ.
މި މަހުގެ 16ން 20 އަށް ކުރާ މި ދަތުރުގައި 13 އަތޮޅެއްގެ ރަށްތަކަށް ދަތުރުކޮށް އެ ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ކެރިއައެއް ބިނާކުރާނެ ގޮތާއި ކުރިއަށްދާނެ ދާއިރާއެއް ޚިޔާރު ކުރާނެ ގޮތުގެ އިރުޝާދު ދޭނެއެވެ. މި ދަތުރުގައި މި 14 އަތޮޅުގައި އޭލެވެލްއަށް ކިޔަވައިދޭ ހުރިހާ ސްކޫލްތަކަށް ޒިޔާރަތް ކުރަން އޮތީ ނިންމާފައެވެ.
އެމްއެންޔޫއިން ބުނީ، އެ ޔުނިވަރސިޓީން ހިންގާ ކޯސްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި ދަރިވަރުންގެ ކުރިމަގު ބައްޓަން ކުރަން ބޭނުންވާ އިރުޝާދާއި ގައިޑެންސް ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަތީ ތައުލީމު ފޯރުކޮށްދެނީ ޤައުމީ ޔުނިވަރސިޓީންނެވެ. އެ ޔުނިވަރސިޓީގެ ކެމްޕަސްތަކެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި ވަނީ ޤާއިމްކޮށްފައެވެ. އަދި އިތުރު ފެކަލްޓީތަކެއް ޤާއިމް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކެމްޕަސްގެ އިތުރުން ސެންޓަރުތަކެއް ވެސް އަތޮޅުތެރޭގައި ހިންގަމުން ގެންދެއެވެ.
ހިޔާލު