ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާސިންގ އިން އިސްނަގައިގެން ހިނގާލުމެއް މިއަދު ބާއްވައިފިއެވެ.
ނަރުހުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ މެއި މަހުގެ 12 ވަނަ ދުވަހެވެ. ނަރުހުންގެ ދުވަހުގެ މި އަހަރުގެ ޝިޔާރަކަށް ކަނޑައަޅާފައި ވަނީ، "އަޅުގަނޑުމެންގެ ނަރުހުން، އަޅުގަނޑުމެންގެ ކުރިމަގު – ނަރުހުންނަށް އަހުމިއްޔަތު ދިނުމުން އިޤްތިޞާދު ވަރުގަދަވޭ" އެވެ.

މިއަދު ހަވީރު 4:00 ގައި ފެށި ހިނގާލުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔައީ ހުޅުމާލޭގައެވެ. އެމްއެންޔޫގެ އަތޮޅު ކެމްޕަސްތަކުގެ އިތުރުން ހޮސްޕިޓަލްތަކާއި ބައެއް ރަށްރަށުގެ ސިއްޚީ މަރުކަޒުތަކުން ވެސް ހިނގާލުން ކުރިއަށް ގެންދިޔައެވެ. މި ހިނގާލުމުގައި ގިނަ އަދަދެއްގެ ނަރުހުން ވަނީ ބައިވެރިވެފައެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުން ޝަރަފުވެރިކޮށްދެއްވީ، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްރައްޒާގު އިބްރާހިމެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ހަރަކާތުގައި މާލޭގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކާއި އޭޑީކޭ ހޮސްޕިޓަލާއި ޒިކުރާ ކޮލެޖާއި ވިލާކޮލެޖާއި އާސަންދަ ކުންފުންޏާއި އެލައިޑް އިންސުއަރެންސާއި މިނިސްޓްރީ އޮފް ހެލްތާއި އެޗްޕީން ބައިވެރިވިއެވެ.

މި ހިނގާލުމުގެ ތެރެއިން ނަރުހުންނަށް ޚާއްޞަ ލަވައެއް ނެރެފައިވެއެވެ. "ލޭފަވެތި ނަރުހުން" މި ލަވަ ތައްޔާރުކުރީ ޝާސް ސްޓޫޑިއޯއާއި ލިޔާކުއްޖާއާ ގުޅިގެންނެވެ.

ނަރުހުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހެލްތް ފެއަރ މި މަހު 29 ވަނަ ދުވަހު ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ބާއްވަން ވަނީ ނިންމާފައެވެ.


advertisment
ހިޔާލު