ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ އެއްވަނަ، އައިޝަތު ބިންތު އިބްރާހީމް ރަޝީދު ހަސަން، ހދ. ކުޅުދުއްފުށީ ޝަބްނަމީގެ ހޯދައިފިއެވެ. މުޅި މުބާރާތުން އެއްވަނަ ހޯދުމުގެ އިތުރުން 7 އަހަރާއި 10 އަހަރުގެ އުމުރުފުރައިން 1ވަނަ ވެސް އައިޝަތު ވަނީ ހޯދާފައެވެ. މި މުބާރާތުން އެއްވަނަ އައިޝަތު ހޯދުމުން 15،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީއެއް ވަނީ ދީފައެވެ.
ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ ނަތީޖާފާޅުރުން އޮތީ މިއަދު ހަވީރުއެވެ. ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
މި މުބާރާތުން 2ވަނަ ހޯދީ، މިޝްޔާ ބިންތު ހަސަން ސަލާހު، ގ. އަލިއާބާދު އެވެ. މިޝްޔާ ވަނީ 10 އަހަރާއި 12 އަހަރާއި ދެމެދު އުމުރުފުރާއިން 1ވަނަ ވެސް ހޯދާފައެވެ. ދެވަނަ ހޯދުމުން މިޝްޔާއަށް ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 10،000ރ ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މި މުބާރާތުން 3ވަނަ ހޯދީ، މުޙައްމަދު މަޢާން ބިން މުންތަޒިމް ވ. ޅަސަނދު އެވެ. އޭނާ ވަނީ 10 އަހަރާއި 12 އަހަރާއި ދެމެދު އުމުރުފުރާއިން 2 ވަނަ ހޯދާފައެވެ. 3ވަނަ އަށް ދިއުމުން ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 7،000ރ. ގެ ފައިސާގެ އިނާމެއް މަޢާންއަށް ވަނީ ދީފައެވެ.
ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގައި 973 ކުދިން ބައިވެރިވިއެވެ.
advertisment
ހިޔާލު