ލިޓްލް ޖެމްސް ޕްރީސްކޫލް ހިންގާ އިމާރާތުގެ ކޮންޓްރެކްޓް ހަމަވާތީ އަލުން ބީލަމަށް

ލިޓްލް ޖެމްސް ޕްރީސްކޫލް ހިންގާ އިމާރާތުގެ ކޮންޓްރެކްޓް ހަމަވާތީ، އެ އިމާރާތުގައި އަލުން ޕްރީ ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ހުޅުމާލޭގެ ފޭސް 1 ލޮޓް ނަންބަރު 11489 ގައި އިމާރާތް ކުރެވިފައިވާ ޕްރީ ސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން ހިންގާ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން މިއަދު ބީލަމަށް ހުޅުވާލިއިރު، އެ ބީލަމުގައި މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހެއެވެ. ބީލަމުގައި ރަޖިސްޓްރީ ވުމުގެ ފީއަކީ 500 ރުފިޔާއެވެ. ބީލަން ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ބީލަމާ ގުޅޭގޮތުން ބާއްވާ ސައިޓް ވިޒިޓް އޮންނާނީ  މެއި މަހުގެ 24ވާ ހޮނިހިރު  ދުވަހުގެ 10:00 ގައި ލިޓްލް ޖެމްސް ޕްރީސްކޫލް، ހުޅުމާލޭގައެވެ. މި ބީލަމުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 25,000ރ ހުށަހަޅަން ޖެހެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގެ 11:00 ގައި އެޑިޔުކޭޝަން މިނިސްޓްރީގައެވެ.

ބީލަމުގައި ޕޮއިންޓް ދޭން ކަނޑައަޅާފައިވަނީ ޓެކްނިކަލް ބިޑަށް 60 އިންސައްތަ، ފައިނޭންޝަލް ބިޑަށް 40 އިންސައްތައެވެ.

ހުޅުމާލެ ފޭސް 1ގައި މިހާރު ވެސް ސަރުކާރުން ޕްރީ ސްކޫލެއް ހިންގަމުން ގެންދެއެވެ. އެއީ އަމިއްލަ ފަރާތަކުން އިމާރާތްކޮށް ދީފައިވާ މުޙައްމަދު ޤާސިމް ޕްރީ ސްކޫލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *