ޤައުމީ ސަލާމަތާ ގުޅުން ހުރި ޢިލްމީ ދިރާސާތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި ނެރޭ ފުރަތަމަ ޖާނަލް އެމްއެންޔޫއިން ލޯންޗްކޮށްފި

ރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅުންހުރި އިލްމީ މައުލޫމާތު ގެނެސްދޭ ޖާނަލް މޯލްޑިވްސް ސެކިއުރިޓީ އައުޓްލުކް (އެމްއެސްއޯ) ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ލޯންޗްކޮށްފިއެވެ.
އޮންލައިންކޮށް މި ޖާނަލް ނެރެނީ އެމްއެންޔޫގައި ދާދި ފަހުން އުފެއްދި ސެންޓަރ ފޯރ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒް (ސީއެސްއެސްއެސް)އިންނެވެ. މި ޖާނަލްގެ އެޑިޓަރުންގެ ގޮތުގައި ތިން ބޭފުޅަކު މި ވަގުތު މަސައްކަތް ކުރައްވާނެއެވެ. އެއީ، ސީއެސްއެސްއެސް ހެޑް ޑރ. ޢަޠާއުﷲ އަޙްމަދު ރަޝީދާއި އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފްސަރ އަޙްމަދު ޒަކީ ނާފިޒުގެ އިތުރުން މެރިޓައިމް ސެކިއުރިޓީގެ މާހިރެއް ކަމުގައިވާ ބަންގުލަދޭޝްގެ ޔުނިވަރސިޓީ އޮފް ޑާކާގެ ޕްރޮފްސަރ ލައިލޫފަރު ޔަސްމީންއެވެ.

 

މޯލްޑިވްސް ސެކިއުރިޓީ އައުޓްލުކް (އެމްއެސްއޯ)ގެ އަމާޒަކީ ގައުމީ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އިލްމީ އަދި ތަޖުރިބާކާރު އެނަލިސިސްތައް ގެނެސްދިނުމެވެ. މީގެ ތެރޭގައި ޤައުމީ ސަލާމަތާއި، އަސްކަރީ އަދި ދިފާޢީ ދާއިރާއާ ގުޅުންހުރި މަޢުޟޫޢުތަކުގައި، މެރިޓައިމް ސެކިއުރިޓީ، ކްލައިމެޓް ސެކިއުރިޓީ، ޑްރަގް ޓްރެފިކިންގ، ޓެރަރިޒަމް، އަދި ފެނާއި ކާބޯތަކެތީގެ ރައްކާތެރިކަން ހިމެނޭ މައުޟޫޢުތަކުން މުހިންމު ލިޔުންތަކެއް ގެނެސްދޭނެއެވެ.

އެމްއެސްއޯ ނެރުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ޑރ. ޢަޠާއުﷲ ވިދާޅުވި ގޮތުގައި، އެ ޖާނަލްގެ މައިގަނޑު އަމާޒަކީ، ޤައުމީ އަދި ސަރަޙައްދީ ސަލާމަތާ ބެހޭ މައުޟޫޢުތަކުގެ މަޝްވަރާތައް އިތުރުކޮށް، ސަލާމަތީ އަދި ސްޓްރެޓެޖިކް ދިރާސާތަކުގައި ހަރަކާތްތެރިވާ ލިޔުންތެރިންނާއި ކިޔުންތެރިންނަށް ޢިލްމީ އަދި ޕޮލިސީ އޮރިއެންޓެޑް ޕްލެޓްފޯމެއް އުފައްދައި ކުރިއެރުވުމެވެ. އެމްއެސްއޯއަށް ހުށަހެޅޭ ހުށަހެޅުންތަކަކީ ޢިލްމީ މާހިރުންގެ އިރުޝާދާއެކު އެޑިޓޯރިއަލް ރިވިއުތަކަށް ހުށަހެޅޭ ހުށަހެޅުންތަކެއް ކަމަށާއި ނަތީޖާއެއްގެ ގޮތުން، އެމްއެސްއޯ ޕަބްލިކޭޝަންތަކަކީ ސިޔާސަތު ތައް ކަނޑައަޅާ ފަރާތްތަކަށާއި، ޢިލްމުވެރިންނާއި، ދަރިވަރުންނާއި، ރިސާޗަރުންނަށް ވަރަށް އަގުހުރި ޕްރިލިމިނަރީ ރެފަރެންސް ސޯސްއެއްގެ ގޮތުގައި ބޭނުން ކުރެއްވޭނެ ޕްލެޓްފޯމަކަށްވުން ކަމަށް ޢަޠާއުﷲ ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޕްރޮފެޝަނަލުންނާއި ދަރިވަރުންނަށް، އަދި ސެކިއުރިޓީ އަދި ސްޓްރެޓެޖިކް ސްޓަޑީޒްގެ ތަޖުރިބާކާރުންނާއި ޕޮލިސީގެ ތަޖުރިބާކާރުންނަށް އެމްއެސްއޯގައި ލިޔުއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެމްއެސްއޯގައި ހިމަނާނީ 800 އާއި 1000 އާ ދެމެދުގެ ދިގު މިނެއްގައި އޮރިޖިނަލް އެނަލިޓިކަލް އޮޕް-އެޑް ބައިތައް ހުށަހަޅައި، ދިވެހިންނާއި ބައިނަލްއަގްވާމީ އޯޑިއަންސަކާ ގުޅުން ހުރި ކަންކަމުގައި ލިޔުންތެރިޔާގެ ރިސަރޗްތަކުގެ މައްޗަށް ބިނާކޮށް ލިޔާ ކުރު ލިޔުއްވުންތަކެވެ.
ޑރ. ޢަޠާއުﷲ ވިދާޅުވި ގޮތުގައި، އެމްއެސްއޯގައި ޝާއިއުކުރަން ހުށައަޅާ ލިޔުންތައް އެކަޑަމިކް ފްރޭމްވޯކެއްގެ ތެރެއަށް ފައްތާނެ ކަމަށާޢި ޝާއިއުކުރާނީ ކަނޑައަޅާފައިވާ ސްޓޭންޑަޑަށް ފެތޭ ލިޔުންތައް ކަމަށެވެ.

ސީއެސްއެސްއެސްއިން އަންނަނީ ފަސްޓް ޑިގްރީއާއި މާސްޓަރސް ޑިގްރީއަށް ކިޔަވައިދޭން ފަށަން ތައްޔާރު ވަމުންނެވެ. މިހާރު ކުރިއަށް ގެންދަނީ ކޯސްތައް ފަރުމާ ކުރުމުގެ މަސައްކަތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *