ރ. ފައިނުގައި އަލަށް އިމާރާތް ކުރި ދިހަ ކުލާސްރޫމް ހިމެނޭ އައު އިމާރާތުގައި އެ ސްކޫލުގެ ކިޔެވުން ފަށައިފިއެވެ. އާދީއްތަ ދުވަހުން ފެށިގެން ދަރިވަރުން ކިޔަވަމުން އަންނަނީ އެ އިމާރާތުގައެވެ.
" الحمد لله . ޖާގަ ތަނަވަސް އައު އިމާރާތަށް ބަދަލުވެވުމަކީ އަޅުގަނޑުމެންނަށް މިއަދު ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް" އައު އިމާރާތުގައި ކިޔަވައިދޭން ފެށުމާއެކު އެރަށު ސްކޫލުގެ ފޭސްބުކްޕޭޖުގައި ލިޔެފައިވެއެވެ.

111 އެއްހާ ދަރިވަރުން، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ ފައިނު ސްކޫލުގެ އާ އިމާރާތުގައި ދިހަ ކުލާސްރޫމުގެ އިތުރުން އޭވީ ރޫމާއި ލައިބްރަރިއާއި ހެލްތް ރޫމާއި ސްޓާފްރޫމުގެ އިތުރުން ކައުންސިލަރަށް ވަކި ރޫމެއް ހުރެއެވެ.

ޖާގައިގެ ދަތިކަމާހުރެ އެ ސްކޫލުގައި މީގެ ކުރިން ކިޔަވައިދެމުން އައީ ކުލާސްރޫމެއް ޕާޓިޝަންޖަހައިގެން ދެ ކުލާސްރޫމަށް ހަދައިގެންނެވެ. އޭރު ކިޔަވައިދެމުން އައީ ހަ ކުލާސްރޫމްގައެވެ.

" އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުޔެއް އާ އިމާރާތާއެކު ލިބިގެން ދިޔައީ. ކުދިންނަށް ވެސް ފަސޭހައިން ކިޔެވޭނެ މާހައުލެއް ލިބިގެން ދިޔައީ" ފައިނު ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް އުމަރުމަނިކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އާ އިމާރާތް ލިބުމުން ބައްދަލުވުން ބޭއްވުމަށާއި ޖަލްސާތަކަށް ދެން ބޭނުން ކުރާނީ ޕާޓިޝަން ޖަހައިގެން ކުރިން ބޭނުން ކުރި ތިން ކުލާސްރޫމް ހިމެނޭ ތަން ކަމަށެވެ.


advertisment
ހިޔާލު