ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވާނެއެވެ. މެއި މަހާއި ޖޫން މަހުގެ ތެރޭގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލީ އެޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި މިއަދު ވިދާޅުވީ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވާން މިހާތަނަށް 283 ކުދިން ކުރިމަތިލައިފައިވާ ކަމަށެވެ.
ދެ ބުރެއްގެ މަތިން 250 ޒުވާން ޚަޠީބުން ވަނީ ތަމްރީނުކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަ ބުރު ކުރިއަށް ގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.
ޒުވާން ޚާޠީބުންގެ ގޮތުގައި މި ތަމްރީނުގައި ބައިވެރިކުރަނީ، ގުރޭޑު 10،11،12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައިނުވާ ފަރާތްތެވެ. މި ތަމްރީނުގައި ބައިވެރިވުމަށް ހުށައަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ، ސްކޫލުގައި އުޅޭ ނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުން އަދި 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުމެކެވެ.
މި ތަމްރީނު ފުރިހަމަކޮށް ޚަޠީބުކަމުގެ ސަނަދު ދޫކުރެވޭނީ ޒުވާން ޚަޠީބު އިންޓަވިޔު ނިންމާ، ޓްރެއިނިންގ ސެޝަންތަކުގެ ހުރިހާ ސެޝަންއަކަށް ހާޒިރުވެ ލިޔުމުގެ އިމްތިހާނުންވެސް ފާސްވާ ބައިވެރިންނަށެވެ.
މި ތަމްރީނުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސްޓު-ފޭސްކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ރަށްރަށުގައި އަދި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ސެޝަންތައް އޮންނާނީ އޮންލައިންކޮންނެވެ.


advertisment
ހިޔާލު