ހޮސްޕިޓަލިޓީ ތައުލީމުގެ ފެނަވަރު ރަނގަޅުކުރަން އޮސްޓްރޭލިއާގެ އެސްސީޔޫ އާ ގުޅިގެން އެމްއެންޔޫއިން މަސައްކަތް ކުރަނީ

ހޮސްޕިޓަލިޓީ ދާއިރާއިން ތައުލީމާއި ދިރާސާތައް ގުޅިގެން ކުރިއަށް ގެންދަން އޮސްޓްރޭލިއާގެ ސަދަން ކްރޮސް ޔުނިވަރސިޓީ (އެސްސީޔޫ)އާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. ސަދަން ކްރޮސް ޔުނިވަރސިޓީގެ ދަށުން ހިންގާ ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާގެ ފަރާތުން ސޮއިކުރެއްވީ އެސްސީޔޫ ވެންޗަރޒްގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރ މިސްޓަރ ނިކޮލަސް ހައިޑެވެ.

މި ޙަފްލާގައި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރ މިސްޓަރ ޑޭވިޑް ޖެސަޕް އަދި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީން މިސް ޒީނަތު ޞޯލިޙު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕާޓްނަރޝިޕްގެ މަޤްޞަދަކީ ބައިނަލްއަޤްވާމީ ތަޖުރިބާއާއި، ފުރުޞަތުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ހޮސްޕިޓަލިޓީ ތަޢުލީމުގެ ފެންވަރު މަތިކުރުމެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި، ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މިފަހުމުނާމާގެ ސަބަބުން ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްއާއެއްގޮތަށް ފަތުރުވެރިކަމުގެ ސިނާޢަތާއި މަތީ ތަޢުލީމުގެ ދާއިރާ ހަރުދަނާވެގެންދާނެ ކަމަށެވެ.

ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާ، ސަދަން ކްރޮސް ޔުނިވަރސިޓީގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރ މިސްޓަރ ނިކް ހައިޑް ވިދާޅުވީ، ދުނިޔޭގެ ހޮޓެލް މެނޭޖްމަންޓްގެ ދާއިރާގައި އެބޭފުޅުންގެ ތަޖުރިބާ ޙިއްޞާކުރުމަށް ލިބުނު ފުރުޞަތާމެދު ވަރަށް އުފާކުރައްވާ ކަމަށާއި އެ ޔުނިވަރސިޓީގެ މަޤްޞަދަކީ މީހުންގެ ދިރިއުޅުން ބަދަލުކުރން ކަމަށެވެ. އަދި އޭނާ ވިދާޅުވީ، އެމްއެންޔޫ އާ އެކު މަސައްކަތްކޮށް، ދުނިޔޭގެ ފެންވަރުގައި މުހިންމު މި ޞިނާޢަތުގެ މުސްތަޤްބަލުގެ ލީޑަރުން ތައްޔާރުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރ މިސްޓަރ ޑޭވިޑް ޖެސަޕް ވެސް މި އެއްބާރުލުމުގެ މުހިންމުކަން އަލުން ފާހަގަކުރައްވައި ވިދާޅުވެފައި ވަނީ، އޭނާގެ އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއާއި އޮސްޓްރޭލިއާގެ އެކަޑަމިކް ދާއިރާއާ ދެމެދު ވަރުގަދަ ގުޅުމެއް ޤާއިމުކުރުން ހިމެނޭ ކަމަށެވެ. މިއީ ދެ ޤައުމުގެ މެދުގައި އެކަޑަމިކް ޕާޓްނަރޝިޕްތަކާއި ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *