ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމަށް 16 ޓީވީ އެ ސްކޫލުގެ ޕީޓީއޭއިން ހަދިޔާކޮށްފިއެވެ. ޕީޓީއޭއިން ދިން އެހީތެރިކަމާއެކު ޙަމަދު ސްކޫލުން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން ހުރިހާ ކުލާސްރޫމެއްގައި ޓީވީ ހަރުކޮށް މިހާރު ވަނީ ނިންމާފައެވެ.
ގަމު ކައުންސިލާއި ޑަބްލިއުޑީސީ އާއި ތުނޑީ ސްޓަރ ޖަމިއްޔާގެ އެހީތެރިކަމާއެކު މީގެ ކުރިން ވަނީ އެ ސްކޫލުގައި ކިޔަވައިދެމުންގެންދާ 35 ކުލާސްރޫމުގެ ތެރެއިން ކޮމްޕިއުޓަރ ލެބު ހިމެނޭހެން 19 ކުލާސްރޫމެއްގައި ޓީވީ ހަރުކޮށްފައެވެ. ޓީވީ ހަރުނުކޮށް ހުރި 16 ކުލާސްރޫމަށް ބޭނުންވާ ޓީވީތައް ހަދިޔާ ކުރީ އެ ސްކޫލުގެ ޕީޓީއޭއިންނެވެ.
ޙަމަދު ސްކޫލުން ބުނީ، އެ ސްކޫލް ޑިޖިޓަލް ކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ސްކޫލުގެ ވައިފައިގެ ޚިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ޙަމަދޫ ސްކޫލުގައި 750 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިން ގަމު ކައުންސިލާއި ޑަބްލިއުޑީސީ އާއި ތުނޑީ ސްޓަރ ޖަމިއްޔާއާއި ޙަަމަދު ސްކޫލުގެ އިސްދަރިވަރުންގެ އިތުރުން ޕީޓީއޭއަށް ޚާއްޞަ ޝުކުރެއް އެ ސްކޫލުން އަދާކުރެއެވެ.
ހިޔާލު