ޒުވާން ޖީލަށް ދީނީ ދައުވަތު ދިނުމުގެ ވައްޓަފާޅި ބަދަލުކޮށް، ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ތަޢުލީމާ ބެހޭ ވަޒީރު

ޒުވާން ޖީލަށް ދީނީ ދައުވަތު ދިނުމުގެ ވައްޓަފާޅި ބަދަލުކޮށް، ގުޅިގެން މަސައްކަތް ކުރަން ރާއްޖޭގެ ދީނީ ޢިލްމްވެރިންނަށް  އެޑިޔުކޭޝަން މިނިސްޓަރު ގޮވާލައްވައިފިއެވެ.

ޖަމިއްޔަތުއް ސަލަފުގެ އިލްމްވެރިންގެ އަހަރީ ބައްދަލުވުން ޝަރަފުވެރިކޮށް ދެއްވައި ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، މީގެ ވިއްސަކަށް އަހަރާ އަޅާބަލާއިރު، ޒުވާންޖީލަށް ޓެކްނޮލޮޖީގެ މަންސަތައް މިއަދު މިވަނީ ތަޢާރަފުވެފައި ކަމަށެވެ. އެ ބަދަލާއެކު އަޅުގަނޑުމެންގެ ދީނީ ދައުވަތު ދިނުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެނެސް އެ ކަމަށް ރިއާޔަތް ކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންގެ ވިސްނުމާއި މުޖްތަމައުގެ ވިސްނުން ބަދަލުވަމުންދާއިރު އެންމެ އިސް ވާޖިބަކަށް ވާންވާނީ، އަޅުގަނޑުމެންގެ ތެރެއިން ހެދިބޮޑުވާ ކޮންމެ ކުއްޖަކީ، ކޮންމެ ދިވެއްސަކާއި ކޮންމެ އާއިލާއަކީ އިސްލާމްދީނުގެ ރިވެތި ސިފަތަކަށް ބޯލަބައި އިސްލާމްދީން ދެކެ ލޯބިވާ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ރުހިގެން ތިބި ބައެއްގެ ގޮތުގައި ދެމި ތިބުމުގެ ވިސްނުންކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ.

" އަޅުގަނޑުމެން އެއްމެން އެއްބައިވެގެން މަސައްކަތް ކުރަން ޖެހޭ ޤައުމެއްގައި އަޅުގަނޑުމެން އެންމެ އިސްކުރަންޖެހޭނީ އިސްލާމީ ރިވެތި ފިކުރު. ރިވެތި އާދަކާދަ އާއި އިސްލާމީ ރިވެތި އަޚްލާޤް. އަޅުގަނޑުމެންގެ ކުދިންގެ ސިކުނޑިތަކަށް، ޒުވާނުންގެ ސިކުނޑިތަކަށް އަދި ކޮންމެ މީހެއްގެ ސިކުނޑީގައި އެކަން ހަރުލެއްވުމަށް މަސައްކަތް ކުރަން ޖެހޭ"

ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވީ، ޓެކްނޮޖީއަށް އައި ބަދަލާއެކު ކުދިންނާއި ޒުވާނުންގެ ވިސްނުމާއި ފިކުރަށް ބޮޑު ބަދަލެއް އަތުވެއްޖެ ކަމަށާއި މިއައި ބަދަލުގެ ގޮންހެންތައް ކުރިމަތި ނުވާނެ ކަމަކަށް ދީނީ ދައުވަތު ދެއްވާ އިލްމްވެރިން ވިސްނައިވަޑައިގެން ނުވާނެ ކަމަށެވެ. ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެއީ އިންސާނީ ޠަބީއަތްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ޓެކްނޮލޮޖީއަށް މި އައި ބަދަލުތަކަށް ދީނީ ޢިލްމްވެރިން އަހުލުވެރިވާން ޖެހޭ ކަމަށެވެ.

"މި އަންނަ ބަދަލުތަކުގެ ސައިކޮލޮޖިކަލް އިމްޕެކްސްޓްސް ނަފުސާނީ ގޮތުން ވެސް ދެނެގެނަން ޖެހޭ. އެއްވެސް ކުއްޖަކަށް، އެއްވެސް ފަރުދަކަށް، އެއްވެސް ފަރާތަކަށް އިލްމެއް ކަމުގައި ވިޔަސް، ހުނަރެއް ކަމުގައި ވިޔަސް، އެ ފަރާތްތަކުގެ ވިސްނުމުގެ ޕެޓަރން ނޭނގޭ ކަމަށް ވަންޏާމު އެ ފޯރުކޮށެއް ނުދެވޭނެ" ގިނަ އަދަދެއްގެ ދީނީ ޢިލްމްވެރިން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ތައުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކުދިންނާއި ޒުވާނުންގެ ވިސްނުން ދެނެގަނެވިއްޖެނަމަ އަޅުގަނޑުމެން މިކުރާ މަސައްކަތް، މާ އޮއްޓަރު ހުރި މަސައްކަތްތަކެއްގެ ގޮތުގައި ކުރެވިދާނެ ކަމަށެވެ. އަދި އެކަން ކުރަން ދަރުސްތަކާއި ލީފްލެޓްތަކާއި ސޯޝަލް މީޑިއާގެ ޕޯސްޓްތަކުގެ އިތުރަށް ޕޮޒިޓިވްކޮށް ދެކެވޭ ވާހަކަތައް އަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ކުދިން ތިބީ ޓިކްޓޮކްގައި. ފޭސްބުކުގައި. ޓްވިޓާގައި. އަދި އެހެނިހެން ސޯޝަލް ޕްލެޓްފޯމްތަކުގައި. އިލްމްވެރިން މިއަށް ވަދެވަޑައިގަންނަވަން އެބަޖެހޭ. މި މައިދާންތަކުގައި އަޅުގަނޑުމެންގެ ކޮމިއުނިޓީއަށް އެޑްރެސްވާން އެބަޖެހޭ. ދެ ޖިންސަށް އަންހެން ކުދިންނާ ފިރިހެން ކުދިންނަށް އަދި ޒުވާނުންގެ ވެސް ދެ ޖިންސަށް އެޑްރެސްކުރަން އެބަ ޖެހޭ"

ތައުލީމީ ވުޒާރާއާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ހައިސިއްޔަތުން ވަޒީރު ޑރ. އިސްމާއިލް ވިދާޅުވީ، ލައްކައެއްހާ ކުދިން ކިޔަވަމުންދާއިރު، މުޖްތަމައުގެ ތެރެއިން އުފަންވަމުންދާ މައްސަލަތަކާއި އުފަންވެފައި ހުރި މައްސަލަތަކެއް އަޅުގަނޑުމެންނަށް ފެންނަމުންދާ ކަމަށެވެ. އެހެންވެ، އަޅުގަނޑުމެންނާ އިލްމްވެރިން އެއް ޕްލެޓްފޯމެއްގައި ޕޮޒިޓިވް އެންވަޔަރަމަންޓެއްގައި މަޝްވަރާތަކެއް ކުރެވިއްޖެކަމަށް ވަނީނަމަ މި ހުރި މައްސަލަތަކަށް އެޑްރެސްކުރެވޭނެ ގޮތްތަކެއް ހޯއްދެވިދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ވަރި އިންތިހާއަށް ގިނަ، އާއިލާތައް ދަނީ ރޫޅެމުން. މަސްތުވާތަކެތީގެ ވަބާ އެބައޮތް. މަސްތުވާތަކެތި އެކިއެކި ނަންތަކުގައި ޕްރޮމޯޓްކޮށް ޒުވާން ޖީލަށް އޭގެ ތެރެއަށް ކޮންމެ ވެސް ވަރަކަށް ވަދެވިގެން އެބަދޭ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ތިބެގެން ކާކުކަން ނޭނގޭގޮތަށް އިސްލާމް ދީނުގެ އެންމެ މަތިވެރި ޝިޔާރުތަކާ ދެކޮޅަށް ވާހަކަދައްކާ މީހުން ފެންނަމުން އެބަދޭ. އަދި މިނިވަންކަމުގެ ނަމުގައި އިސްލާމްދީނުގެ ހުދޫދުން ބޭރުން ވާހަކަ ދައްކާ މީހުން ވެސް ފެންނަމުން އެބަދޭ. މިކަންތައްތަކަށް ވަކިވަކިން އެޑްރެސް ކުރުމުގެ ބަދަލުގައި، އެއް ޕްލެޓްފޯމެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިވަރސިޓީތައް ވެސް ވަދެގެން ހަޤީޤީ ކާމިޔާބެއް ލިބެނީ" ޒުވާނުންނަށް ދިމާވަމުންދާ މައްސަލަތަކުގެ ހައްލު ގެނެވޭނެ ގޮތް ޑރ. އިސްމާއިލް ވިދާޅުވެދެއްވިއެވެ.

ޖަމިއްޔަތުއް ސަލަފުގެ އިލްމްވެރިންގެ އަހަރީ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ: ޖަމިއްޔަތުއް ސަލަފު

ވަޒީރު އިސްމާއިލް ވިދާޅުވި ގޮތުގައި، އާޓިފިޝަލް އިންޓަރލިޖެންސް ޕްލެޓްފޯމްތައް ބޭނުންތެރި ޕްލެޓްފޯމްތަކުގެ ގޮތުގައި ބައްޓަން ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަޤާފަތާއި ދީނީ ރިވެތި އާދަތަކާ އަޅުގަނޑުމެން ވިސްނުން ކަފިވެ ދުރުވެއްޖެނަމަ މިއިން ކޮންމެ ފްލެޓްފޯމަކީ ގޮންޖެންތަކެއް މުސްތަޤުބަލުގައި އޮންނާނެ ތަނަކަށް ވާނެއެވެ.

މުސްތަޤުބަލުގައި މީހުންގެ ވިސްނުން ބައްޓަން ކުރާނީ މިފަދަ ޕްލެޓްފޯމްތަކުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ޒަމާނާއެކު މި އަންނަ ބަދަލަށް ދީނީ އިލްމްވެރިންގެ އެ ހޭލުންތެރިކަން ނެތްކަމުގައި ވަނީނަމަ، މިފަދަ ޕްލެޓްފޯމްތައް ބޭނުން ކޮށްގެން އަޅުގަނޑުމެންނާ ދެކޮޅަށް ފިކުރީގޮތުން ވަރަށް ނޭދެވޭ މަސައްކަތްތަކެއް ކުރެވިދާނެ ކަމުގެ އިންޒާރު ވެސް މިނިސްޓަރު ދެއްވިއެވެ.

އެހެންވެ އެޑިޔުކޭޝަން މިނިސްޓްރީއާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ކުރާ މަސައްކަތްތަކުން ހެޔޮ ބަދަލު އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ދީނުން ބޭރުވުމާއި ދީން ބޭނުން ކޮށްގެން ހަރުކަށި ފިކުރު ފެތުރުމަށް ކުރާ މަސައްކަތުގައި ސަރުކާރާއެކު، ގުޅިގެން މަސައްކަތް ކުރުމުގެ ފަހި ފުރުޞަތު އެބައޮތްކަން ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ކުރާ މަސައްކަތުގައި، މަދަނީ ޖަމިއްޔާތަކާއި އާންމު ފަރުދުންނާއި އެކީގައި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށާއި ވަކިވެގެނެގެން އެކަކު އަނެކަކާ ނުގުޅި އެފަދަ މަސައްކަތެއް ނުކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ކޮންމެ ހަލާތެއްގައި ވެސް ޒިންމާއަކަށް ވާންޖެހޭނީ ބާއްޖަވެރިކަމުގެ މަގަށް ދިވެހިރާއްޖެ ގެންގޮސް އެގޮތުގައި ދެމެހެއްޓުން ކަމަށާއި އޭރުން ނަމޫނާ ޤައުމަކަށް މި ޤައުމު ވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *