750،000ރ ޚަރަދުކޮށްގެން ވިލިނގިލީ ކައުންސިލުން ގއ. އޭއީސީގެ "ވޯލްކްވޭ" ތަރައްޤީކުރަނީ

default

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި "ވޯލްކްވޭ" ހެދުމުގެ މަސައްކަތުގެ 80 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ވިލިނގިލީ ކައުންސިލާއި ރޯޑް ކޯޕަރޭޝަނާ ގުޅިގެންނެވެ. "ވޯލްކްވޭ" ހަދަން ބޭނުންވާ ތަކެތި ފޯރުކޮށް ދެނީ އެ ކައުންސިލުންނެވެ. މަސައްކަތް ކުރަނީ ރޯޑް ކޯޕަރޭޝަންގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިންނެވެ. މި މަސައްކަތަށް ވިލިނގިލީ ކައުންސިލުން 750،000 ރުފިޔާ ޚަރަދުވާނެ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

މި ޕްރޮޖެކްޓް ނިމޭއިރު، ގއ. އޭއީސީގެ ގޯތިތެރޭގައި ހުރިހާ އިމާރާތްތަކަށް ފަސޭހައިން ދެވޭ ގޮތަށް "ވޯލްކްވޭ" ގެ ގޮތުގައި ފަސް މަގެއް ހަދާނެއެވެ.

default

"ވޯލްކްވޭ" ހެދުމުން ވިއްސާރަ ދުވަސްވަރު ގއ. އޭއީސީގެ ގޯތިތެރޭގައި ފެންބޮޑުވި ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރުން ކުޑަވާނެއެވެ.

"ވޯލްކްވޭ" ގެ މަސައްކަތް ކުރިއަށް ދާއިރު، މަސައްކަތް ކުރަމުން އަންނަ ރޯޑް ކޯޕަރޭޝަންގެ މުވައްޒަފުން ކުރަމުންދާ އަގުހުރި މަސައްކަތް ފާހަގަކޮށް، އެ މުވައްޒަފުންނަށް ޝުކުރުވެރިވުމުގެ ގޮތުން އެ މަރުކަޒުގެ ސާނަވީ ބައިގެ މުދައްރިސުން އިސްނަގައިގެން ޚާއްޞަ "ދެކުމަށް" ދާދި ފަހުން ބާއްވާފައިވެއެވެ.

އޯލެވެލްއާއި އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދަމުންދާ ގއ. އޭއީސީގެ ޕްރިންސިޕަލް ތަމްހީދު ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި، "ވޯލްކްވޭ" ހެދުމަކީ ވިލިނގިލީ ކައުންސިލުން އެ މަރުކަޒަށާއި ދަރިވަރުންގެ ފަސޭހައަށް ކޮށްދޭ މުހިންމު މަސައްކަތެކެވެ. އެ ސްކޫލުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް މީގެ ކުރިން ވެސް އެ ކައުންސިލުން އަންނަނީ ކޮށްދެމުންނެވެ.

"ވިއްސާރަ ދުވަސްވަރު ކިޔަވައިދޭން އުނދަގޫވާވަރަށް ފެންބޮޑުވޭ. "ވޯލްކްވޭ" ގެ ސަބަބުން އެ މައްސަލައަށް ދާއިމީ ހައްލުތަކެއް ލިބިގެންދާނެ" ތަމްހީދު ވިދާޅުވިއެވެ.

default

ވިލިނގިލީ ކައުންސިލުގެ ރައީސް ވިޝާލު މުޙައްމަދު ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި، ގއ. އޭއީސީގައި އެ ކައުންސިލުން ހަދަމުންދާ "ވޯލްކްވޭ" ގެ މަސައްކަތުގެ އަގަށް އެކަނި ވެސް 350،000 ރުފިޔާ ޚަރަދުވާނެ ކަމަށާއި އިޖްތިމާއީ ޒިންމާއެއްގެ ގޮތުގައި ހިލޭ ސާބަހަށް އެ މަސައްކަތް ކުރަމުން ދިއުމަކީ އެއީ އެ ރަށުގެ ތަރައްޤީއަށާއި ދަރިވަރުންގެ ކިޔެވުމަށް އާރުޑީސީން ވެދެއްވި ވަރަށް ބޮޑު އެހީތެރިކަމެކެވެ. އެކަމަށްޓަކައި އެ ކުންފުންޏަށް އޭނާ ޝުކުރުއަދާކުރެއްވިއެވެ.


"ސަރުކާރުގެ ކުންފުނިތަކުން ރަށްރަށުގެ ތަރައްޤީއަށް ދެމުން އަންނަ އެހީތެރިކަމުގެ ސަބަބުން ކައުންސިލްތަކަށް މިފަދަ ބޮޑެތި މަސައްކަތް ކުރެވެނީ. ޚާއްޞަކޮށް އާރުޑީސީގެ އެމްޑީގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުން ދަނީ" ވިޝާލު ވިދާޅުވިއެވެ.

ގއ. އޭއީސީގައި ހަތް ސަތޭކައާ ކައިރިކުރާ އަދަދަކަށް ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *