ކިޔަވަމުންދާ ދެ މުވައްޒަފަކަށް މާލީ އެހީގެ ގޮތުގައި ހއ. އަތޮޅު ކައުންސިލުން 70،000 ރުފިޔާ ދީފި

ފަންނީ ކޯސްތަކުގައި ކިޔަވާނެ ދެ މުވައްޒަފުން ހއ. ކައުންސިލްތަކުން ކަނޑައަޅައި، މާލީ އެހީގެ ގޮތުގައި 70،000 ރުފިޔާ އެ ދެ މުވައްޒަފުންނާ ހަވާލުކޮށްފިއެވެ. މި އެހީ ދެނީ ކޮލެޖު ނޫނީ ޔުނިވަސިޓީގެ ކޯސްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މާލެ އެހީތެރިކަމަށް ހުޅުވާލުމުން ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ދެ ފަރާތަކަށެވެ.

މާލީ އެހީއަށް އެދެން ހއ. އަތޮޅު ކައުންސިލުން ހުޅުވާލުމުން ޕްރޮޕޯސަލް ހުށައެޅީ ހއ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންގެ ތެރެއިން އެންމެ ދެ މުވައްޒަފުންނެވެ.

މާލީ އެހީދޭން ނިންމި ދެ މުވައްޒަފުންނަކީ ހއ. އަތޮޅު ކައުންސިލްގެ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ ޢާއިޝަތު ޝިފާޒާއާއި ހއ.އަތޮޅު ހޯރަފުށި ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ އަޙްމަދު ޝަމީމެވެ. މިއިން ކޮންމެ މުވައްޒަފަކަށް މާލީ އެހީގެ ގޮތުގައި ދެނީ މުވައްޒަފަކަށް 35،000 ރުފިޔާއެވެ.

ހއ. އަތޮޅު ކައުންސިލުން ދަރިވަރު ނޫހަށް މީގެ ކުރިން ބުނެފައި ވަނީ، އެއީ، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާގައި ކުރިއަށް ދިއުމަށާއި މުވައްޒަފުންގެ ތެރޭގައި ލީޑަރޝިޕް ކުރިއަރުވައި، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށާއި ތަމްރީން ލިބިފައިވާ ޤާބިލް ބަޔަކަށް މުވައްޒަފުން ހެދުމުގެ މަޤުސަދުގައި އެ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މިދިޔަ އަހަރު ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *