4500ރުފިޔާ ގެ އެލަވަންސެއް ލިބޭ ގޮތަށް ހުޅުވާލި ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހުގެ މުއްދަތު އެޕްރީލް މަހުގެ ނިޔަލަށް

އެންދެރި މަޝްރޫޢާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ތަޢާރަފް ކޮށްފައިވާ ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު މި ހިނގާ އެޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހުގެ ފުރަތަމަ ބުރު ހިންގަނީ ލާމު އަތޮޅުގައެވެ. ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ލާމު އަތޮޅުގެ ކޮންމެ ރަށަކުން އެއް ބައިވެރިއެއް ހޮވުމަށް، އަދި އަންހެން ބައިވެރިން ހޮވުމަށް އިސްކަންދޭނެއެވެ. ނިޔަމި 2 ގެ ސެޓްފިކެޓް ވެސް ހިމެނޭ މި ކޯހުގެ 20 ޖާގައަށް ހޮވޭ ކޮންމެ ފަރާތަކަށްވެސް އެލަވަންސްގެ ގޮތުގައި 4500 ރުފިޔާ ދެވޭނެއެވެ.

ބޭސިކް ރޭންޖަރސް ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އެޕްރީލްގެ ނިޔަލަށް

މިއީ، ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ އެހީތެރިކަމާއެކު ތިމާވެއްޓާބެހޭ މިނިސްޓްރީ އިން ކުރިއަށްގެންދާ އެންދެރި މަޝްރޫގެ ތެރެއިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އެޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނިގޮތުގައި، ޓްރޭނިންއަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 އެޕްރީލްގެ 14:00ގެ ކުރިންނެވެ. އަދި ހުށަހެޅުންތައް ހުށައަޅާނީ އޮންލައިންކޮށް އީމެއިލްގެ ޒަރީއާއިންނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގަން ކެމްޕަހުގައެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއްގެ ގޮތުގައި 4500.00 ދިވެހި ރުފިޔާ ދޭން ވަނީ ނިންމާފައެވެ. 20 ބައިވެރިންނަށް ފުރުސަތު ހުޅުވާލައިގެން ކުރިޔަށްގެންދާ މިތަމްރީން ކޯހުގެ ބައިވެރިން ހޮވުމުގައި، ލ. އަތޮޅުގެ މީހުން ދިރި އުޅޭ ކޮންމެ ރަށަކުން 1 ފަރާތެއް ހޮވުމަށް އިސްކަންދޭނެއެވެ.

12 ހަފްތާގެ މުއްދަތުގެ ތެރޭގައި، އެކި ދުވަސްތަކަށް ބަހާލައިގެން ހިންގާ މި ތަމްރީން ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށް ބަހާލައިގެން، އެމް.އެއް.ޔޫ ލ.ގަމު ކޭމްޕަސްގައެވެ. އެއީ ތިއަރީ އަދި ޕްރެކްޓިކަލް (އަމަލީ) ސެޝަންތަކެއްގެ ގޮތުގައެވެ. 5 މޮޑިއުލަކަށް ކުރިޔަށްގެންދާ މި ކޯހުގެ ހުރިހާ މޮޑިއުލެއްގައި ތިއަރީ ސެޝަންތައް ހިމެނޭއިރު، ފީލްޑް އެކްސަސައިޒްތަކާއި ޕްރެކްޓިކަލް އެސެސްމަންޓްތަކުގެ ސަބަބުން އަމަލީ ގޮތުން އުނގެނުމުގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތައް ހޮވުމުގައި، ތިމާވެއްޓާއި އެދާއިރާއާއި ގުޅުންހުރި ދާއިރާތަކަށް ޝައުގުވެރިވާ، އުމުރުން 16 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. 16 – 18 އަހަރުގެ ކުދިން ބެލެނިވެރިންގެ ހުއްދައާއިއެކު ބައިވެރި ކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެއެވެ.

އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެކަކަށްވުރެ ގިނަ ފަރާތުން ފޯމު ހުށައަޅާފައިވާނަމަ، ބައިވެރިން ހޮވޭނީ އެ މިނިސްޓްރީން އެކުލަވާލާފައިވާ މިންގަނޑުތަކަށް ބަލައިގެންނެވެ. އަދި ޕޮއިންޓްގެ ގޮތުން އެއްރަށަކުން ގިނަ ބައިވެރިން އެއްވަރު ވެފައިވާ ނަމަ، ބައިވެރިއަކު ހޮވާނީ ފޯމު ލީ ތަރުތީބުންނެވެ. އަދި ބައިވެރިން ހޮވުމުގައި ޕޮއިންޓް ދިނުމުގައި ބަލާނީ، ތަޢުލީމީ ފެންވަރަށާއި ލިބިފައިވާ ތަޖުރިބާއަށެވެ. އަދި މި ތަމްރީނު ޕްރޮގްރާމަށް މީހުން ހޮވުމުގައި އަންހެނުންނަށް އިސްކަން ދޭނެއެވެ.

ފުރަތަމަ ބުރު ލާމު އަތޮޅަށް ހާއްޞަކޮށްގެން ހިންގާ މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާޢި ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމި ކަމުގެ މާއްދާތައް ހިމެނޭނެ ކަމަށާއި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ނިޔަމި 2 ކޯހުގެ ސެޓްފިކެޓް ވެސް ލިބޭނެ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނެއެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީގެ އެންދެރި މަޝްރޫޢުގެ އަމާޒަކީ ދިވެހި ސަރުކާރުން އަލަށް ކަނޑައަޅާ ތިމާވެށީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައާއި، އަތޮޅުތައް ތަރައްޤީކުރުމުގައި "ގްރީން ގްރޯތް" ނުވަތަ ކަނޑުގެ ޤުދުރަތީ ރައުސްމާލް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އަދި މުރަކަފަރުތަކުގެ ވިލުން އަދި އިޔާދަވުން އިތުރުވާނޭފަދަ ތަރައްގީގެ ވިސްނުންތަކެއް ބަލައިގަތުމުގައި އެހީތެރިވުމެވެ.  މިމަޝްރޫޢު އަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ޤުދުރަތީ ރައުސްމާލުގެ ހިސާބު ކިތާބު (ނެޗުރަލް ކެޕިޓަލް އެކައުންޓްސް) ގައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތައް ހޯދާ އެ އެކައުންޓުތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ފަރުތަކުގެ މާހައުލާއި ގުޅިފައިވާ ގުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، މި މާހައުލީ ނިޒާމުތަކުގެ ދުޅަހެޔޮކަން އިތުރުކޮށް ވިލުންތެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝަރޫޢުތަކުން ލިބޭ އަދި ލިބިދާނޭ ނޭދެވޭ ގެއްލުންތައް ކުޑަކުރެވޭނޭ ގޮތްތަކެއް ހޯދައި އެފަދަ ގޮތްތައް ނަކަލު ކުރެވޭނޭ ނިޒާމެއް ހޯދުމަށް މަގުފަހި ކުރުމުގެ މަޤުޞަދުގައި ރޭވިގެން ކުރިއަށްގެންދާ މަޝްރޫޢު އެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *