މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ފެށި އެމްއެންޔޫގެ "ފަހި ޞިއްޙަތު" ހެލްތް ފެއަރ ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފިއެވެ. މި ފެއަރ މިރޭ 10:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. މިއީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން، ޔުނިސެފް އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްބާ ފެއަރއެކެވެ.
މި ފެއަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވި ގޮތުގައި، ސިއްޙަތަކީ އިންސާނުންގެ އެންމެ މުހިންމު އެއް ވަޞީލަތް. ދުޅަހެޔޮ ސިއްހަތެއްގައި ތިވެގެން މެނުވީ އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެހެން ދާއިރާތަކުގައި ކުރިއެރުމެއް ނުހޯދޭނެ ކަމަށެވެ. އެހެން ކަމުން ހޭލުންތެރިކުރުމުގެ މިފަދަ ހަރަކާތްތައް ބޭއްވުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ސިއްޙާތު ދުވަހުގެ ޝިޔާރު ކަމަށްވާ "ދުޅަހެޔޮ ފެށުމެއް – އުއްމީދީ މުސްތަޤުބަލެއް"އިން ލިބިދެނީ ވަރަށް މުހިންމު މެސެޖެއް ކަމަށާއި އެއީ އިލްމާ އެކުވެރިކަމާ އަދި މުޖްތަމައުގެ މައްޗަށް ބިނާވެފައިވާ މެސެޖެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ޅަފަތުގައި ކުރެވޭ ސިއްޙީ އަޅާލުންތަކާއި މައިންގެ ފަރުވާއާއި އަދި އެންމެން މަސައްކަތް ކޮށްފިއްޔާ ކުޑަކުދިންގެ ދުޅަހެޔޮކަމުގެ ހެޔޮބަދަލު ގެނެވޭ ކަމުގެ ގޮވާލުމެއް" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްއެންޔޫ ފަހި ސިއްޙަތު ކެމްޕެއިނަކީ ހަމައެކަނި އެއް އިވެންޓެއްނޫން ކަމަށެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ، އެމްއެންޔޫއިން ކުރިއަށް ގެންދާ މި ކެމްޕެއިނުން ދައްކުވައިދެނީ "ތައުލީމާއި ބައިވެރިވުމާއި އަދި ބާރުވެރިކުރުވުމުގެ ޒަރީޢާއިން ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކާ ކުރިމަތިލުމަށާއި ސިއްޙަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިތައް ކުރިއެރުވުމަށާއި އަދި އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނިވި މުޖްތަމައުތަކެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތް" ކަމަށެވެ.
މި ފެއަރގައި 15 ސްޓޯލެއް ތައްޔާރުކޮށްފައިވާއިރު، ހިލޭ ސްކްރީން ހަދައިދިނުމުގެ އިތުރުން އަމިއްލަ ނަފުސަށް އަޅާލައި ރަނގަޅު ކާނާ ކެއުމާއި ޖިސްމާނީ ދުޅަހެޔޮކަން ހިފެހެއްޓުމާ ގުޅޭ ގޮތުން މުހިންމު ސިއްޙީ މައުލޫމާތު ފޯރުކޮށްދެއެވެ.

މި ފެއަރގައި، ޑަބްލިޔުއެޗްއޯއާއި ޔުނިސެފުގެ އިތުރުން ވެސް މި ފެއަރގައި ގިނަ ފަރާތްތަކުން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ހުރިހާ ޑިފާރޓްމަންޓް ތައް (ޑިފާރޓްމަންޓް އޮފް ޕަބްލިކް ހެލްތް، ޑިފާރޓްމަންޓް އޮފް ރިހެބިލިޓޭޝަން، ޑިފާރޓްމަންޓް އޮފް މެޑިކަލް ސައިންސަސް، ޑިފާރޓްމަންޓް އޮފް ބިހޭވިއަރަލް ސައިންސަސް)އާއި ސްކޫލް އޮފް މެޑިސިން އާއި ސްކޫލް އޮފް ނާރސިންގ އާއި ދަމަނަވެއްޓާއި ކެއަރ ސޮސައިޓީ އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ހުޅުމާލެ ހޮސްޕިޓަލާއި ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަނާއި ސުވިމް މޯލްޑިވްސްއެވެ.

އެމްއެންޔޫއިން އަންނަނީ ފަހި ސިއްޙަތުގެ ނަމުގައި ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ހޭލުންތެރި ކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ވެސް އޭގެތެރޭގައި ހިމެނެއެވެ.


advertisment
ހިޔާލު