ރާއްޖޭގައި ޑޮކްޓަރީކަން ކިޔެވި އިތުރު 24 ދަރިވަރުން ދަސްވެނިވެއްޖެ

ރާއްޖޭގައި ޑޮކްޓަރީކަން ކިޔަވަން ފެށި ދެވަނަ ބެޗުން 24 ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ. ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ދަސްވެނިވުމަށް މިއަދު ހެނދުނު ފެށި ރަސްމިއްޔާތުގައި މި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންގައި ޑޮކްޓަރީކަން ކިޔެވި ފުރަތަމަ ބެޗް ދަސްވެނިވީ މިދިޔަ އަހަރުއެވެ. އެއީ 21 ދަރިވަރުންނެވެ.

ރާއްޖޭގައި ޑޮކްޓަރުން ތަމްރީނު ކުރަން ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ. ކޯހުގެ ހުރިހާ ކަމެއް ބަލަހައްޓައި، ދަރިވަރުންގެ އިމްތިޙާނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ގެނައީ ކެބަންސާން ޔުނިވާސިޓީންނެވެ. ކޯހުގައި ކިޔަވައިދިނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ސްކޫލް އޮފް މެޑިސިންގައި މިހާރު ވެސް 220 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ޑޮކްޓަރީކަން ކިޔަވަމުންނެވެ. ޑޮކްޓަރީ ކަމުގެ ސަނަދު ލިބޭ ދަރިވަރުންނަށް ލައިސަންސް ދޫކުރަނީ އެއް އަހަރު ދުވަހުގެ މަސައްކަތުގެ އަމަލީ ތަޖުރިބާއަށްފަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *