މ. ކޮޅުފުށީގައި ހުންނަ އެ އަތޮޅު މަދަރުސާގައި އެ ރަށު ކައުންސިލުން ޤާއިމް ކުރި ސައިންސް ލެބް ހުޅުވައިފިއެވެ.
ކައުންސިލުގެ އެހީގައި ޤާއިމް ކުރި ސައިންސް ލެބު ހުޅުވީ އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ކޮޅުފުށީ ކައުންސިލުގެ ރައީސް އަބްދުލް އަލީމް ވިދާޅުވީ، ސައިންސް ލެބް ޤާއިމް ކުރަން އެ ރަށު ކައުންސިލުން 210،000 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
އަލީމް ވިދާޅުވީ، ސައިންސް ލެބެއް ނެތުމުގެ ދަތިކަން ސްކޫލުން ސައިންސް ސްޓްރީމް ކިޔަވަމުންދާ ދަރިވަރުންނަށް އިންތިހާއަށް އޮތް ކަމަށާއި ސައިންސްގެ މާއްދާތަކުން އެކްސްޕެރިމެންޓް ހަދަންޖެހޭ ކޮންމެ ފަހަރަކު އެކަން ކުރަނީ ކުލާހަށް ބޭނުންވާ ސާމާނު ގެންގޮސްގެން ވަރަށް ދަތި ހާލުގައި ކަމަށެވެ. އެހެންވެ ކައުންސިލުގެ ޚަރަދުގައި ލެބެއް ޤާއިމް ކޮށްދޭން ނިންމީ ދަރިވަރުންގެ ކުރިއެރުމާއި ތަރައްޤީއަށް ވިސްނައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ، ކައުންސިލުގެ ބަޖެޓުން ރަށުގެ ތަޢުލީމަށާއި ދަރިވަރުންގެ ކިޔެވުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަމަށާއި އެއީ އެރަށުގެ މުސްތަޤުބަލާ ވެސް ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.
މ. އަތޮޅު މަދަރުސާއިން ދިން ކުރެހުމާ އެއްގޮތަށް ލެބްގެ މަސައްކަތް ކުރިއަށް ގެންދިޔައީ ބަޔަކާ ހަވާލުކޮށްގެންނެވެ.
"މަދަރުސާއިން އެދޭ ކަންތައްތައް އަޅުގަނޑުމެންގެ ބަޖެޓުން ކުރެވޭކަމަށް ވަންޏާ އެކަމެއް ކޮށްދެމުން މިދަނީ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކުރަމުން ގެންދާނީ" އަލީމް ވިދާޅުވިއެވެ.
މ، އަތޮޅު މަދަރުސާއިން ބުނީ، ސައިންސް ލެބެއް ހުޅުވިގެން ދިއުމަކީ ދަރިވަރުން، ސައިންސުގެ މާއްދާތަކުން މިހާރަށްވުރެ ރަނގަޅު ނަތީޖާ ހޯދުމަށް ލިބެގެންދާނެ އިތުރު ހިތްވަރެއް ކަމަށެވެ. އެފަދަ ލެބެއް ޤާއިމްކޮށްދީފައިވާތީ، ރަށު ކައުންސިލުގެ ރައީސާއި އެންމެހާ މެންބަރުންނާއި މުވައްޒަފުންނަށް އެ މަދަރުސާ ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ނަންމަތީގައި ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
މ. އަތޮޅު މަދަރުސާގައި 200އަށްވުރެ ގިނަ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.
ހިޔާލު