އެމްއެންޔޫގެ "ފަހި ޞިއްޙަތު" ހެލްތް ފެއަރ އަންނަ ހުކުރު ދުވަހު ހަވީރު އާޓިފިޝަލް ބީޗުގައި ބާއްވަން ނިންމައިފިއެވެ. ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން، މި ފެއަރ ބާއްވަނީ ޔުނިސެފް އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެންނެވެ.
މި އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅޭ ތީމަކަށް ކަނޑައަޅާފައި ވަނީ "ދުޅަހެޔޮ ފެށުމެއް، އުއްމީދީ މުސްތަޤުބަލެއް" އެވެ. މި ތީމުން އަންގައި ދެނީ މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ މުހިންމު ކަމަށެވެ. އެއީ ދުޅަހެޔޮ މުޖުތަމަޢުތަކަކާއި އުޖާލާ މާދަމާއަކަށް މަގުފަހިކޮށްދޭ ބިންގަލެވެ. މި ފެއަރގައި، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ތީމްއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނެއެވެ.
ފެއަރ ކުރިއަށް ގެންދަނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ.
ހަވީރުގެ ސެޝަން: 16:00 އިން 18:00 އަށް
ރޭގަނޑުގެ ސެޝަން: 20:00 އިން 22:00 އަށް
އެމްއެންޔޫއިން ބުނީ، ޑަބްލިޔުއެޗްއޯއާއި ޔުނިސެފުގެ އިތުރުން ވެސް މި ފެއަރގައި ގިނަ ފަރާތްތަކުން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ހުރިހާ ޑިފާރޓްމަންޓް ތައް (ޑިފާރޓްމަންޓް އޮފް ޕަބްލިކް ހެލްތް، ޑިފާރޓްމަންޓް އޮފް ރިހެބިލިޓޭޝަން، ޑިފާރޓްމަންޓް އޮފް މެޑިކަލް ސައިންސަސް، ޑިފާރޓްމަންޓް އޮފް ބިހޭވިއަރަލް ސައިންސަސް)އާއި ސްކޫލް އޮފް މެޑިސިން އާއި ސްކޫލް އޮފް ނާރސިންގ އާއި ދަމަނަވެއްޓާއި ކެއަރ ސޮސައިޓީ އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ހުޅުމާލެ ހޮސްޕިޓަލާއި ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަނާއި ސުވިމް މޯލްޑިވްސްއެވެ.
އެމްއެންޔޫއިން އަންނަނީ ފަހި ސިއްޙަތުގެ ނަމުގައި ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ހޭލުންތެރި ކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ވެސް އޭގެތެރޭގައި ހިމެނެއެވެ.
ހިޔާލު