އެމްއެންޔޫއިން، ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒަށް ޚާއްޞަ ސެންޓަރެއް އުފައްދައި އިސްވެރިއަކަށް ޑރ. ޢަޠާއުﷲ

އެމްއެންޔޫއިން، ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސުޓްރެޓެޖިކް ސްޓަޑީޒަށް ޚާއްޞަ ސެންޓަރެއް އުފައްދައި އެ ސެންޓަރުގެ އިސްވެރިއަކަށް ޑރ. ޢަޠާއުﷲ އަޙްމަދު ރަޝީދު ހަމަޖައްސައިފިއެވެ.

ޑރ. ޢަޠާއުﷲ ވަނީ ދެ ދާއިރާއަކުން ޕީއެޗްޑީ ހާޞިލްކުރައްވާފައެވެ. 2013 ވަނަ އަހަރު ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރެއްވީ، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކުއީންލޭންޑްއިންނެވެ. އަދި 2024 ވަނަ އަހަރު ދެވަނަ ޕީއެޗްޑީއެއް ޙާޞިލް ކުރެއްވީ، އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީން އިންޓަރނޭޝަނަލް ޕޮލިޓިކަލް އެންޑް ސްޓްރެޓެޖިކް ސްޓަޑީޒުންނެވެ.

ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒްގެ އިސްވެރިޔާގެ މަޤާމަށް ޑރ. ޢަޠާއުﷲ އައްޔަން ކުރައްވަން އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒްއިން ރާއްޖެއާއި ބައިނަލްއަޤްވާމީ ފެންވަރުގައި ދިރާސާތައްކޮށް، ސިޔާސަތުތައް ކަނޑައެޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި އެއީ ޤައުމީ ސަލާމާތާ ގުޅުން ހުރި ދާއިރާތަކުން މަތީ ތައުލީމާ ތަމްރީނު ފޯރުކޮށްދޭނެ ސެންޓަރެއް ކަމަށާއި އެ ސެންޓަރުގެ އަމާޒަކީ ޤައުމީ އަދި ސަރުކާރުގެ ޤާބިލިއްޔަތު އިތުރުކުރުމާއި އެ ދާއިރާއިން ބޭނުންވާ އެހީ ފޯރުކޮށްދެއްވުން ކަމަށެވެ.

"މިއީ އިލްމް އުފައްދައި އެ ފެތުރުމަށް ޔުނިވަރސިޓީން އެޅި މުހިންމު ފިޔަވަޅެއް. މި މަރުކަޒުގެ މަސައްކަތަކީ ހަމައެކަނި ސަލާމަތާއި ދިފާއީ ކަންކަން އެކަންޏެއްނޫން. ކާބޯތަކެތީގެ ރައްކާތެރިކަން، އިގްތިޞާދީ ސަލާމަތް، ތިމާވެށީގެ ރައްކާތެރިކަން، ސައިބަރ ސެކިއުރިޓީ ފަދަ ޤައުމީސަލާމަތުގެ ފުޅާ ދާއިރާ ހިމެނޭ"ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ، ޤައުމީ ސަލަމާތާއި ސެކިއުރިޓީއާ ގުޅޭ ދިރާސާތައް ކުރުމާއި އެ ދާއިރާއިން ޤާބިލު ހުނަރުވެރި މީހުން ބިނާކުރުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ސިޔާސަތު އެކުލަވާލުމުގައި ބޭނުންވާ އެހީއާއި އިލްމީ ފަންނީ ލަފާވެސް އެ ސެންޓަރުން ދޭނެ ކަމަށެވެ.

"މި ސެންޓަރާއެކު ޤައުމި ފެންވަރުގައި އިސްދައުރެއް އަދާކުރުމުގެ ފުރުޞަތު އެމްއެންޔޫއަށް ލިބިގެންދާނެ. އެއީ ޤައުމީ ސަލާމަތާ ގުޅޭ ސްޓްރެޓެޖިކް ދާއިރާތަކުން އިލްމް އުފެއްދުމާއި ދިރާސާތައް ކޮށް ސިޔާސަތުތައް އެކުލަވާލުމުގެ ދައުރު"

ޑރ. ޝެހެނާޒު ވިދާޅުވީ، އެ ސެންޓަރުގެ މަސައްކަތްތައް ކުރަމުންދާނީ ދިފާއީ ބާރުތަކާއެކު ވަރަށް ޤާތް ގުޅުމެއްގެ ތެރެއިން އެ ފަރާތްތަކުގެ ތަޖުރިބާއާއި މަޝްވަރާއާ އެކު ކަމަށެވެ.

މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ޑރ. ޢަޠާއުﷲ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށް ބަލަމުންދާ މައްސަލަތައް ދިރާސާކުރުން ވަރަށް މުހިންމެވެ. އެ ސެންޓަރުން، ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކްގެ ދާއިރާއިން ޔުނިވަރސިޓީ ލެވެލްގައި ކޯސްތައް ހިންގައި ދިރާސާތައްކޮށް ބެޗްލަރސް ޑިގްރީއާއި މާސްޓަރސް ފެންވަރަށް ކިޔަވައިދޭނެއެވެ. ބެޗްލަރސް އޮފް ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒްގެ ރިސަރޗް ޕްރޮގްރާމެއް ތަޢާރަފުކޮށް އަހަރަކު ފުލް ދެ ސްކޮލަރޝިޕްގެ ފުރުޞަތު ފަހިކޮށްދޭނެއެވެ.

"[ސެކިއުރިޓީ] ދާއިރާއިން ކުދި ޤައުމުތަކުގައި ކުރަމުންދާ މަސައްކަތްތަކަށް ބަލައި ސްމޯލް ސްޓޭޓްސް ސްޓަޑީޒްގެ ޕްލެޓްފޯމެއް ޤާއިމް ކުރެވޭނެ ކަމަށް ބަލަނީ. ރިސަރޗް ކުރިއެރުވުމަށް ކޮލެބްރޭޓިވް އެންޑް ރިސަރޗް ފަންޑެއް ވެސް ހުޅުވޭނެ ކަމަށް ޤަބޫލުކުރަން.  "އެނަލައިސް އެންޑް އޮޕީނިއަން ޕީސް" ޕްލެޓްފޯމެއް، އޮންލައިން ޖާނަލެއްގެ ގޮތުގައި ޤާއިމް ކުރެވޭނެ. އަދި މޯލްޑިވްސް ސެކިއުރިޓީ ސްޓަޑީޒް ނަމުގައި އޮންލައިން ޖާނަލްއެއް ޤާއިމް ކުރެވޭނެ. އަދި މަދުވެގެން އެއް ފޮތް މި އަހަރުގެ ތެރޭގައި ޝާއިއުކުރާނަން" ޑރ. ޢަޠާއުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޕާޓްނަރުންނާ ގުޅިގެން ދިރާސާތަކަށް ބޭނުންވާ މާލީ އެހީވެސް ހޯދާނެ ކަމަށާއި އޭގެ ސަބަބުން ދިރާސާތައް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *