މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)އާއި ނޭޝަނަލް ސްޓެޓިސްޓިކަލް ކެޕޭސިޓީ ޑިވެލޮޕްމަންޓް އެންޑް ރިސަރޗް ސެންޓަރާއި (އެންއެސްސީޑީއާރުސީ)ގުޅިގެން ސްޓެޓިސްޓިކްސް ދާއިރާއިން ތަމްރީނު ފޯރުކޮށްދިނުމަށާއި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތުގައ އެންއެސްސީޑީއާރުސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ސްޓެޓިސްޓީޝަން އަލްފާޟިލާ އާއިޝަތު ޙަސަން އެވެ. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. މި ފަހުމުނާމާގެ ދަށުން ސްޓެޓިސްޓިކްސް ދާއިރާއިން މީހުން ތަމްރީނުކުރުމަށާއި، ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް ނޭޝަނަލް ސެޓްފިކެޓް ހާޞިލުކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.
އިންސްޓިޓިއުޓް ބޭސްޑް ޓްރެއިނިންގއާއި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން ތަމްރީނު ފޯރުކޮށްދިނުމަށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ރަޖިސްޓަރ ކޮށްފައިވާ ކޮންމެ އިންސްޓިޓިއުޓަކަށް ވެސް ފުރުސަތު އޮތްކަމަށާއި، އެމްއެންއެސްޑީއޭއިން އެކަމަށް މަރުޙަބާ ކިޔާކަމަށް އެ އޮތޯރިޓީން ބުނެއެެވެ.
މި ޕްރޮގްރާމްތަކުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހުނަރު އިތުރުކޮށް، ވަޒީފާގެ ބާޒާރުގައި ޤާބިލު މުވައްޒަފުން އުފެއްދުމެވެ. ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުވާ ފަރާތްތަކަށް މަސައްކަތުގެ މާޙައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން ވަކިވަކި މަސައްކަތްތަކަށް ޚާއްޞަ ހުނަރުތައް ހުރި ފަރާތްތަކަށް ރަސްމީ ތައުލީމީ ނިޒާމަށް ވަދެ އެދާއިރާއިން ސަނަދު ޙާސިލް ކުރެވޭނެ ފުރުޞަތު ހޯދައިދިނުމެވެ.
މި ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހި ޒުވާނުންނަށް ފަންނީ ހުނަރު ލިބި، ވަޒީފާގެ ބާޒާރަށް ނުކުތުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރިއެރުން ލިބި، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އެހީތެރިވެދޭނެއެވެ. މި ޕްރޮގްރާމްތަކާ ގުޅިގެން އިތުރު މަޢުލޫމާތު https://www.mnsda.gov.mv/ އިން ހޯދޭނެއެވެ.
ހިޔާލު