ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މަގޫދޫ ސްކޫލުގެ ހޯލަށް ޒަމާނީ ބަދަލުތަކެއް

ކޫލް ސްކޫލް ޕްރިޖެކްޓްގެ ދަށުން މަގޫދޫ ސްކޫލުގެ ހޯލަށް ޒަމާނީ ބަދަލުތަކެއް ގެނެސް ހިތްގައުމު ތަނަކަށް އެތަން ބަދަލުކޮށްލައިފިއެވެ.

މަގޫދޫ ސްކޫލުން ބުނެފައި ވަނީ، ކުލާސްތައް އޭސީ ކުރުމަށް ކުރެވޭ މަރާމާތުގެ ތެރެއިން ސްކޫލުގެ "ޒަމާންވީ" ހޯލުގެ ކަރަންޓު ނެޓްވޯކް އާކުރުމާއި ޒަމާނީ ފެންވަރަށް ސީލިންގ އަޕްގުރޭޑްކުރުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ.

މިމަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނީ ސްކޫލުގެ ޕީޓީއޭ ގެ ފަންޑުންނެވެ. އެ މަސައްކަތްތައް އަމަލީގޮތުން، އެއްވެސް އުޖޫރައެއް ނެތި ހިލޭސާބަހަށް ކޮށްދިނީ ފެނަކަ ކޯޕަރޭޝަން މަގޫދޫ ބްރާންޗުގެ މުވައްޒަފުންނެވެ. އެ މަސައްކަތް ކުރީ ފެނަކަ ކޯޕަރޭޝަން މަގޫދޫ ބްރާންޗުގެ މުވައްޒަފުން އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.

މަގުދޫ ސްކޫލުގެ ހޯލުން މިހާރު ފެންނަނި ޒަމާނީ ހޯލެއްގެ ސިފައެވެ. މުޅި ހޯލުގެ ދުވަސްވީ މުސްކުޅި ގޮތް ވަނީ ކަނޑުވާލާފައެވެ.

ފ. މަގޫދޫ ސްކޫލް އޭސީކުރަން ބޭނުންވާ އޭސީތައް ވެސް ފޯރުކޮށް ދިނީ ވެސް އެރަށު ކައުންސިލުންނެވެ. އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަނީ ފެނަކަ މަގޫދޫ ބްރާންޗުންނެވެ. ކައުންސިލުން ވަނީ އެ ސްކޫލުގެ 12 ކުލާސްރޫމް އޭސީ ކުރަން 24 އޭސީ ހަދިޔާކޮށްފައެވެ. އަދި އެ ސްކޫލުގެ ކޮމްޕިއުޓަރި ލަބަށް ބޭނުންވި 30 ކޮމްޕިއުޓަރު ވެސް ހަދިޔާކޮށްފައި ވަނީ އެ ރަށު ކައުންސިލުންނެވެ.

ހޯލުގެ މަސައްކަތަށް ޕީޓީއޭއާއި ފެނަކައިން ދިން އެއްބާރުލުމާއި ކުރި މަސައްކަތަށް މަގޫދޫ ސްކޫލުން ވަނީ އެ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

މަގޫދޫ ސްކޫލުގައި 217 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން،، ކޫލް ސްކޫލް ޕްރޮޖެކްޓް ފެށީ ސަރުކާރާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ހުރިހާ ސްކޫލެއްގެ ކޫލާސްރޫމްތައް އޭސީ ކުރާށެވެ. ނަމަވެސް އެ މަސައްކަތް ސަރުކާރުން ކޮށްދޭ ގޮތަށް ނިންމައި މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *