"ކާފު ސްކޮލަޝިޕް"ގެ ދަށުން ހަތް ދާއިރާއަކުން ޑިގްރީއަށް މެލޭޝިއާގައި ކިޔެވުމުގެ ފުރުޞަތު

"ކާފު ސްކޮލަޝިޕް"ގެ ދަށުން ހަތް ދާއިރާއަކުން ޑިގްރީއަށް ކިޔަވަން މާލެއަތޮޅު ދަރިވަރުންނަށް ހުޅުވާލައިފިއެވެ.

މިއީ އަހަރަކު އެއްފަހަރު ކ. އަތޮޅަށް ނިސްބަތްވާ ދަރިވަރުންނަށް އަމާޒުކޮށް އެ އަތޮޅު ކައުންސިލުގެ އިދާރާއިން ދޭ ސްކޮލަރޝިޕްތަކެވެ.

ސްކޮލަޝިޕަށް އެދި ހުށަހަޅަން ޖެހޭނީ 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާ އަށެވެ.

"ކާފު ސްކޮލަޝިޕް"ގެ ދަށުން ބެޗްލަރސް ޑިގްރީއަށް ކިޔަވަން އިއުލާން ކުރީ ހަތް ދާއިރާއަކުންނެވެ. އެއީ

* އާކިޓެކްޗަރ

* މެޑިސިން

* ސައިކޮލޮޖީ

* އައިޓީ

* މަލްޓި މީޑިއާ

* ސިވިލް އިންޖިނިއަރިންގ

* އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަން

މާލެއަތޮޅު ކައުންސިލު އިދާރާއިން ނެރުނު އިއުނާލުގައި ބުނެފައިވާ ގޮތުގައި، އެ ކައުންސިލާއި އެފިލިއޭޓް ވެފައިވާ މެލޭޝިއާގެ ޔޫސީއެމްއައި ޔުނިވަރސިޓީއާއި މަލްޓި މީޑިއާ ޔުނިވަރސިޓީން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފުލީ ފަންޑެޑް ސްކޮލަރޝިޕް ދޭނެ ކަމަށާއި އެހެން ޔުނިވަރސިޓީއަކުން ކިޔަވާނަމަ ހަމަޖައްސައި ދެވޭނީ ކޯހަށް ހިނގާ ޚަރަދުގެ ބައެކެވެ. މީގެ އިތުރުން ކިޔަވާ ކޮންމެ ކުއްޖަކަށް ޕޮކެޓްމަނީ ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވެއެވެ.

މި ސްކޮލަރޝިޕް ދިނުމުގައި ބަލާނެ ޝަރުޠުތަކެއް ކަމުގައި ބުނެފައި ވަނީ،

  • މާލެއަތޮޅުގެ ރަށަކަށް ރަށްވެހިވެފައިވާތާ 5 (ފަހެއް) އަހަރު ވެފައިވާ ފަރާތަކަށްވުން.
  • އުމުރުން 17- 35އަހަރާއި ދެމެދު ފަރާތަކަށްވުން
  • ސްކޮލަރޝިޕަށް އެދޭ ފަރާތަކީ ކުރިމަތިލާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ނުވަތަ ފުރިހަމަ ކުރަމުންދާ ފަރާތަކަށްނުވުން އަދި ކުރިމަތިލާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހަކަށް ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކުން ދޭ ސްކޮލަޝިޕެއް ލިބިފައިވާ ފަރާތެއްކަމުގައި ނުވުން.
  • ކުށުގެ ރެކޯޑެއް ނުވަތަ ކުށެއް ތަންފީޒުކޮށްފައިވާ ފަރާތަކަށް ނުވުން
  • ހުށައަޅާ ކޯހަށް އަލަށް ކިޔަވަންފަށާ ފަރާތެއްކަމުގައިވުން.

މި ސްކޮލަރޝިޕަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން އެ ކައުންސިލުން ނޮމިނޭޓްކޮށް އުސޫލުގައިވާ ގޮތަށް އިވެލުއޭޓް ކުރާނެ ކަމަށާއި އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ހެދޭ އިވެލުއޭޝަނަށް ބިނާކޮށް ކައުންސިލުން ކަނޑައަޅާފައިވާ އިވެލުއޭޝަން ކޮމެޓީން ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

މާލެއަތޮޅު ކައުންސިލުން ބުނެފައިވަނީ، އެ ކައުންސިލާއި އެފްލިއޭޓް ވެފައިވާ ޔުނިވަރސިޓީ/ކޮލެޖަކުންނަމަ އެ ކައުންސިލުން ދަރިވަރުންނަށް ޕްލޭސްމަންޓް ހޯދައިދިނުމުގައި އެހީތެރިވެދެވޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *