އީޖާދީ ޚިޔާލުތަކުގެ ވިޔަފާރިއެއް ފަށަން "އެމްއެންޔޫ އިނޮވޭޓްހަބް"ގެ މާލީ އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު އެ ޔުނިވަރސިޓީން ހުޅުވާލީ މިއަދު ފާހަގަ ކުރާ ވޯލްޑް ކުރިއޭޓިވިޓީ އެންޑް އިނޮވޭޝަން ދުވަހާ ގުޅުވައިގެންނެވެ. ފްރޮޕޯސަލް ހުށައަޅާން ޖެހެނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ރޭ 11.59 ކުރިންނެވެ.
އިނޮވޭޓްހަބަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އުފައްދާފައިވާ އީޖާދީ ޚިޔާލުތަކާއި ވިޔަފާރީގެ ކުރިއެރުން އިތުރުކުރުމަށް މަގުފަހިކޮށްދޭ ޕައިނިއަރިންގ އިނީޝިއޭޓިވްއެކެވެ.
އެމްއެންޔޫގެ އިނޮވޭޓްހަބް ލޯންޗް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.
މި ޕްރޮޖެކްޓްގެ ދަށުން އާ އީޖާދުތައް ހެދުމުގެ މަޤްޞަދަކީ ޤައުމު ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މުޖްތަމަޢުއާއި ދަރިވަރުންނާ އެކުއެކީ ޤައުމު ކުރިއަރުވަން އެ ޔުނިވަރސިޓީން މަސައްކަތް ކުރުމެވެ.
އެމްއެންޔޫއިން ބުނީ، އިނޮވޭޓްހަބްގައި ބައިވެރިވެވެނީ އެމްއެންޔޫގައި ފުރަތަމަ އަހަރުގެ ކިޔެވުން ނިމި، ކިޔެވުން ކުރިއަށް ގެންދާ ދަރިވަރުންނަށް ކަމަށެވެ. އިނޮވޭޓްހަބުން ދޭ ސީޑް ކެޕިޓަލަކީ އެ ޔުނިވަރސިޓީއާއި އެ ޔުނިވަރސިޓީއާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި އުފެއްދުންތެރި އީޖާދީ ޚިޔާލުތަކަށް ހިތްވަރުދޭން ދެވޭ ފުރުޞަތެއް ކަމަށެވެ.
އިނޮވޭޓްހަބުން މާލީ އެހީ ހަމަޖައްސައި ދެނީ ސީޑް ކެޕިޓަލްގެ ނަމުގައި ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ،
އެންމެ ކުޑަމިންވަރު- 50،000ރ
މެދުމިންވަރު- 225،000ރ
މަތީމިންވަރު- 500،000ރ
އެމްއެންޔޫއިން ބުނި ގޮތުގައި، އިނޮވޭޓްހަބުގެ އިންކިއުބޭޓަރގެ މަރުހަލާގައި ނަގާނީ އެންމެ ގިނަވެގެން ދިހަ އެޕްލިކޭޝަނެވެ. މި މަރުހަލާގެ މުއްދަތުގެ ތެރޭގައި ކުދިންނަށް އިންޑަސްޓްރީ އެކްސްޕާޓުންގެ ފަރާތުން އިރުޝާދު ލިބިގެންދާނެއެވެ. އޭގެ އިތުރުން ކޮލެޖްގައި ލިބެންހުރި ވަޞީލަތްތައް ބޭނުން ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި މަރުހަލާގައި ސީޑް ގޮތުގައި މާލީ އެހީ ދެނީ 20-50 އިންސައްތައާ ހަމައަށެވެ. މި އެހީ ދެނީ ޕްރޮޓޯ ޓައިޕް ޑިވެލޮޕްކުރުމަށާއި މާކެޓިންގ ރިސާޗެއް ހެދުން ފަދަ ކަންތައްތަކަށެވެ. ފައިސާ ދޫކުރަނީ މިކަންތައްތައް ޙާޞިލްވަމުންދާ މިންވަރަށް ބަލައިގެންނެވެ. ޑިވެލޮޕްކުރާ މަރުހަލާގެ މުއްދަތު ނިމުމުން ދެންދާނީ އެކްސެލެރޭޓަރ މަރުހަލާއަށެވެ. މި މަރުހަލާގައި ހޮވަނީ 5-3 ދަރިވަރުންނެވެ. މި ދަރިވަރުންގެ ވިޔަފާރި ކުރިއަރުވަން ނުދެވީ ހުރި ފައިސާ ދޫކުރަނީ ގްރޯޓް ކެޕިޓަލެއްގެ ގޮތުގައެވެ. މި ފައިސާގެ އެހީ ފޯރުކޮށްދެނީ ޔުނިވަރސިޓީއަށް ނުވަތަ މުޖުތަމަޢަށް މަންފާކުރުވަނިވި، އަދި ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީއާއި ކުރިއެރުން ގެނެސްދޭނެ ފަދަ ޚިޔާލުތަކަށެވެ. ބޮޑަށް އިސްކަންދޭނީ އީޖާދީ ޚިޔާލުގެ ގޮތުގައި ހުށައަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްއަށެވެ.
އެމްއެންޔޫއިން ބުނީ، އިނޮވޭޓްހަބުގެ ސީޑް ކެޕިޓަލަށް އެދި ހުށައަޅާ ޕްރޮޕޯސަލްތަކަކީ އެ ޔުނިވަރސިޓީގެ ދުރުރާސްތާ ޕްލޭންގައިވާ މަޤްޞަދުތަކާއި ގުޅުން ހުރި ހުށައެޅުންތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އދ. ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލަކަށް ވެސް ވާންޖެހޭނެ ކަމަށެވެ.


advertisment
ހިޔާލު