ކުޑަކުދިންގެ އުފެއްދުންތެރިކަމާއި ވިޔަފާރިގެ ވިސްނުން ދައްކުވައިދޭ ފެއަރއެއް ބާއްވަނީ

ކުޑަކުދިންގެ އުފެއްދުންތެރިކަމާއި ވިޔަފާރިގެ ވިސްނުން ދައްކުވައިދޭ ފެއަރއެއް ބާއްވަން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ނިންމައި، އެ ފެއަރގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

"ޔަންގް އެންޓަޕްރެނާސް 2025″ ގެ ނަމުގައި މެއި މަހުގެ 10 ވަނަ ދުވަހު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާ މި ފެއަރގައި ބައިވެރިވާން އެޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށައަޅަން ޖެހެއެވެ. މި ފެއަރގައި ބައިވެރިކުރަނީ 11 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ އުފެއްދުންތަކެވެ. ބައިވެރިކުރާއިރު، ފީއެއް ދައްކާކަށް ނުޖެހެއެވެ.

އެ އޮފީހުން ބުނީ، މި އަހަރުގެ ފެއަރގައި ދޫކުރަން ނިންމާފައި ވަނީ 12 ސްލޮޓް ކަމަށެވެ. ފެއަރ ބޭއްވުމުގެ ކުރިން މައުލޫމާތު ސެޝަންތަކެއް ބާއްވާނެ ކަމަށާއި އެ ހަރަކާތް ކުރިއަށް ގެންދާ ދުވަހު އެ ތަނުގެ ކަންކަން މެނޭޖުކުރާނެ ގޮތާއި ބައެއް ޒުވާން ވިޔަފާރިވެރިންނާ އެކު އެ ބޭފުޅުންގެ ކާމިޔާބީގެ ދަތުރު، ކުދިންނާ ހިއްސާކުރުމަށް ޚާއްޞަ ސެޝަންތަކެއް ވެސް ބާއްވާނެ ކަމަށެވެ.

އަމިއްލަ އުފެއްދުންތެރިކަމާއި ވިޔަފާރިގެ ވިސްނުން، ކުޑަކުދިންގެ ކިބައިގައި އަށަގެންނެވުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ބާއްވާ މި ފެއަރަގައި ބައިވެރިކުރާ އުފެއްދުން ނުވަތަ ޕްރޮޑަކްޓަކީ ކުއްޖާގެ އަމިއްލަ އުފެއްދުމަކަށް ވާން ޖެހޭނެ ކަމަށާއި ކުދިން އުފައްދާ ތަކެތީގެ އަގާއި އެ ތަކެތި ފެއާގައި ވިއްކުމުގެ ހުރިހާ ކަމެއް ކުރާނީ އެ ކުދިން އަމިއްލައަށް ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ބުނެފައި ވަނީ، މި ފެއަރގެ ސަބަބުން ވިޔަފާރިކުރުމުގެ ޝައުގު ހުރި ކުދިންނަށް، އެ ކުދިންގެ ހުނަރު ދައްކާލެވޭނެ ފަސޭހަ ޕްލެޓްފޯމެއް ފަހިވެގެންދާނެ ކަމަށާއި މި ފަދަ ފުރުސަތުތަކަކީ ކުދިންގެ ހުނަރު ކުރިއަރުވައި، މައުލޫމާތު މުއްސަނދިކޮށް، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ފުރުސަތުތަކެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *