ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)އިން 980 ދަރިވަރުން މި އަހަރު ދަސްވެނިވެއްޖެއެވެ. ދަސްވެނިވި ދަރިވަރުންގެ އަދަދަށް ބަލާއިރު، އަންހެން ދަރިވަރުންގެ އަދަދު މާ މައްޗެވެ. 715 އަންހެން ދަރިވަރުން ކޯސް ނިންމައި ދަސްނެވިވި ކަމުގެ ސަނަދު ހޯދިއިރު، ދަސްވެނިވެ ސަނަދު ހޯދި ފިރިހެން ދަރިވަރުންގެ އަދަދަކީ 265 އެވެ. މި އަދަދަށް ބަލާއިރު ދަސްވެނިވި އަންހެން ދަރިވަރުންގެ ނިސްބަތް 73 އިންސައްތައަށް އަރައެވެ. ދަސްވެނިވި ފިރިހެން ދަރިވަރުންގެ ނިސްބަތަކީ އެންމެ 27 އިންސައްތައެވެ.

ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު އެ ޔުނިވަރސިޓީން ކުރިއަށް ގެންދިޔައީ ތިން ރެއަކަށް ބަހާލައިގެންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށް ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ދެ ވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހާއި ސަޤާފަތާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ. ފަހު ދަންފަޅި ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

އައިޔޫއެމްއިން ދަރިވަރުން ދަސްވެނިވީ، އެ ޔުނިވަރސިޓީގެ ހަ ކުއްލިއްޔާއަކަށާއި އެއް ސެންޓަރަކުންނެވެ. އެންމެ ގިނަ ދަރިވަރުން ދަސްވެނިވީ، ކުއްލިއްޔާ އޮފް އަރަބި ލޭންގުއޭޖުންނެވެ. 341 ދަރިވަރުން އެ ފެކަލްޓީން ދަސްނެވިވިއެވެ. ދެން އެންމެ ގިނަ ދަރިވަރުން ދަސްވެނިވީ، ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނަތްއިންނެވެ. އެ ފެކަލްޓީން 231 ދަރިވަރުން ދަސްވެނިވިއެވެ. ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެކް އެންޑް ހިއުމަން ސައިންސް އިން 162 ދަރިވަރުން ދަސްވެނިވިއިރު، ކުއްލިއްޔާ އޮފް އެޑިޔުކޭޝަނުން 136 ދަރިވަރުން ދަސްވެނިވެފައިވެއެވެ. ދެން ހިމެނެނީ ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިޔުކޭޝަނުން ދަސްވެނިވި 60 ދަރިވަރަކާއި ޝަރީޢާ އެންޑް ލޯ ފެކަލްޓީން ދަސްވެނިވި 34 ދަރިވަރުންނާއި އިކޮނޮމިކް އެންޑް މެނޭޖްމަންޓް ސްޓަޑީޒް ފެކަލްޓީން ދަސްވެނިވި 16 ދަރިވަރުންނެވެ.

އެންމެ ގިނަ ދަރިވަރުން ދަސްވެނިވީ ސެޓްފިކެޓް ލެވެލްގެ ކޯސްތަކުންނެވެ. އެއީ 647 ދަރިވަރުންނެވެ. ބެޗްލާސް ޑިގްރީ ނިންމި 159 ދަރިވަރުން ދަސްވެނިވިއިރު، މާސްޓަރސް ނިންމި 149 ދަރިވަރުން ދަސްވެނިވެފައިވެއެވެ. ދެން ހިމެނެނީ ޕޯސްޓްގުރެޖުއޭޓް ޑިޕްލޮމާ ހެދި ދަރިވަރުންގެ ތެރެއިން ދަސްވެނިވި 20 ދަރިވަރުންނާއި ޑިޕްލޮމާ ނިންމި 5 ދަރިވަރުންނެވެ.
advertisment
ހިޔާލު