ހޮސްޕިޓަލިޓީ ދާއިރާއަށް ޚާއްޞަކޮށްގެން ނ. ކެނދިކުޅުދޫގައި އިމާރާތް ކުރަން ނިންމާފައިވާ ޖޫނިއަރ ކޮލެޖްގެ ބިންގާ އަޅައިފިއެވެ. ޖޫނިއަރ ކޮލެޖްގައި ބިންގާ އަޅުއްވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރުއެވެ.
މަތީ ފަންތީގެ ޓޫރިޒަމާއި، ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގަން ޚާއްޞަކޮށްގެން މި ކޮލެޖް ތަރައްޤީ ކުރަނީ ބިލްޑް-ފައިނޭންސް-އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕް އުސޫލުން ވިލާ އެޑިޔުކޭޝަނަލް ސަރވިސަސްއިންނެވެ. މި ކޮލެޖް ތަރައްޤީ ކުރަނީ ކެނދިކުޅުދޫން ހަމަޖައްސައި ދީފައިވާ 86،000 އަކަފޫޓްގެ ބިމެއްގައެވެ.
މި ކޮލެޖްގެ މަސައްކަތް ވިލާ އެޑިޔުކޭޝަންއާ ހަވާލުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޖޫނިއަރ ކޮލެޖް ތައާރަފު ކުރަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން، ހޮސްޕިޓަލިޓީއަށް ޚާއްޞަ ކުރި ނަމަވެސް އެހެން ތަފާތު ދާއިރާތަކުގެ ވޮކޭޝަނަލް ކޯސްތައް މި ކޮލެޖްގައި ކިޔަވައިދޭނެއެވެ.
މި ކޮލެޖްގެ މަސައްކަތް ނިމޭއިރު ކިޔަވައިދިނުމަށް، މަދުވެގެން ހަ ކުލާސްރޫމާއި ސީޓީ ލެބޯޓަރީއަކާއި އޮޑިޓޯރިއަމަކާއި ލައިބްރަރީއެއް ޤާއިމް ކުރާނެއެވެ. އަދި މުވައްޒަފުންނާއި ދަރިވަރުންގެ އެކޮމަޑޭޝަން ބްލޮކެއް ޤާއިމް ކުރާނެއެވެ. މީގެ އިތުރުން އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއެއްގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރެއް ވެސް ތަރައްޤީކުރާނެއެވެ.
ޓޫރިޒަމާއި ހޮސްޕިޓަލިޓީގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޓޫރިސްޓް ފެސިލިޓީއެއް ވެސް މި ކޮލެޖުގައި ތަރައްޤީކުރަން ވަނީ ނިންމާފައެވެ.
ހދ. ދިއްދޫއާއި ނ. ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ރ. އަލިފުށީގައި ޓިވެޓް ސެންޓަރެއް ޤާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދެއެވެ.
advertisment
ހިޔާލު