231 ދަރިވަރުން ވާދަކުރި މޫސާ ނާސިރުގެ ހަނދާނީ ޤުރުއާން މުބާރާތުން 1 ވަނަ ފޭދޫ އަށް

އައްޑޫގެ އެކިއަވަށްތަކަށާއި ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މުބާރާތުގައި ވާދަކުރެވޭގޮތަށް ބޭއްވި އަލްމަރުހޫމް މޫސާ ނާސިރުގެ ހަނދާނީ ޤުރުއާން މުބާރާތުން ވަރަށް ފަޚުރުވެރި 1 ވަނަ ފޭދޫ ހޯދައިފިއެވެ. މި މުބާރާތަކީ،  އައްޑޫސިޓީ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ދީދީގެ ބައްޕަ، އަލްމަރްހޫމް މޫސާ ނާސިރުގެ ހަނދާނުގައި ބޭއްވި މުބާރާތެކެވެ. ދީދީ ވިދާޅުވީ މިއީ މަރަދޫގެ ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން އެއް ވައުދު ކަމަށެވެ.

" މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ދިވެހިންނަކީ ކީރިތި ޤުރުޢާން ކިޔަވާހިތްވާ އަޑުއަހާހިތްވާ ބަޔަކަށް ހެދުން."  އިނާމު ދިނުމަށް ރޭ މަރަދޫ ބަނަދަރު ސަރަހައްދުގައި ބޭއްވި ކުލަ ގަދަ ހަފުލާގައި ދީދީ ވިދާޅުވިއެވެ. " މި މުބާރާތް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ހެދުމަށް ވަރަށް ގިނަ ދީނީ އިލްމުވެރިންނާއި ޤުރުއާން މުދައްރިސުންގެ މަޝްވަރާލިބިލެއްވި."

މިމުބާރާތުގައި 9 އަހަރާއި 11 އަހަރާއި ދެމެދުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ފިރިހެން 1  ވަނަ ހޯދީ  ފޭދޫ ގުލްޒާރުގޭ ކިޔާން މުހައްމަދު ފަސީހެވެ. 7 އަހަރާއި 9 އަހަރާއި ދެމެދު ނުބަލައި ކިޔެވުމުގެ ގޮފިން އަންހެން 1 ވަނަ ހޯދީ ފޭދޫ ކާމިނީގޭ ޔުމްނު އިސްމާޢީލް ރަޝީދެވެ. 11 އަހަރާއި 13 އަހަރާއި ދެމެދުގެ ނުބަލައި ކިޔެވުމުގެ ގޮފިން އަންހެން 1 ވަނަ ހޯދީ ފޭދޫ ވާދީ މަލްކާ މުހައްމަދު ހަބީބެވެ.

11 އަހަރާއި 13 އަހަރާއި ދެމެދުގެ ނުބަލައި ކިޔެވުމުގެ ގޮފިން އަންހެން 1 ވަނަ ހޯދީމަލްކާ (ވ)ގައި.

13 އަހަރާއި 16 އަހަރާއި ދެމެދު ނުބަލާ ކިޔެވުމުގެ ގޮފިން ފިރިހެން 3 ވަނަ ހޯދީ ފޭދޫ ސީސައިޑް މާލް މުޚުތާރު ހުސައިން އެވެ. 13 އަހަރާއި 16 އަހަރާއި ދެމެދުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އަންހެން 3 ވަނަ ހޯދީ ފޭދޫ ދީދާރުގޭ މަރިޔަމް ނާލާ ޢަބްދުލްޤައްޔޫމެވެ. 13 އަހަރާއި 16 އަހަރާއި ދެމެދުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ފިރިހެން 3 ވަނަ ހޯދީ، ފޭދޫ ރޫޓް މުހައްމަދު ރާއިމް ސަވާދެވެ.

11 އަހަރާއި 13 އަހަރާއި ދެމެދުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އަންހެން 2 ވަނަ ހޯދީ ފޭދޫ ދުންފިނިގޭ އާމިނަތު ރާހާ ރަޝީދެވެ. 13 އަހަރާއި 16 އަހަރާއި ދެމެދުގެ ނުބަލާ ކިޔެވުމުގެ ގޮފިން ފިރިހެން 2 ވަނަ ހޯދީ، ފޭދޫ ސީސައިޑް ޔޫސުފް ހުސައިން އެވެ. 13 އަހަރާއި 16 އަހަރާއި ދެމެދުގެ ނުބަލާ ކިޔެވުމުގެ ގޮފިން އަންހެން 2 ވަނަ ހޯދީ ފޭދޫ ޖޭމުގަސްދޮށުގެ ފާތިމަތު ލީމް ހުސައިނެވެ.

މިއީ ފޭދޫގެ ދަރިން ޤުރުއާންގެ އިލްމަށް އަހުލުވެރިކުރުމަށް ފޭދޫ އަވަށު އޮފީހާއި ފޭދޫގެ އިލްމުވެރިން ގުޅިގެން މަސަކަތް ފެށިފަހުން ފޭދޫގެ ދަރިން ޤުރުއާން މުބާރާތަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.  މިދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރަން ރާތްދޫލައިގެ މަރުހަބާއެއް ކިޔަން ފޭދޫ އަވަށު އޮފީހާއި ފޭދޫ ގެ މުއައްސަސާތަކުގެ ވެރިން ވަނީ ނިންމާފައެވެ. މި ހަފުލާ މިރޭ ފޭދޫ ސްކޫލްގައި އޮންނާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *