ރަނގަޅު ފަރުދަކު ބިނާވުމަކީ ރަނގަޅު އާއިލާއެއްގެ ބިންގާ

ރަނގަޅު ފަރުދަކު ބިނާވުމަކީ ރަނގަޅު ޢާއިލާއެއްގެ ބިންގާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި އިފްތިތާޙްކޮށްދެއްވައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ދަސްވެނިވާ ކޮންމެ ދަރިވަރަކީވެސް އިސްލާމީ ރިސާލަތު އެހެންމީހުންނަށް ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކާ، އަދި ރިވެތި އަޚުލާގުން ޒީނަތްތެރިވެފައިވާ މީހަކަށް ވާން ޖެހޭ ކަމަށެވެ. އިސްލާމީ ޔުނިވަރސިޓީން ދަސްވެނިވެ އަމަލީ މައިދާނަށް ނިކުންނައިރު، ލިބިފައިވާ އިލްމަކީ ނުހަނު ބޮޑު އަމާނާތެއްކަން ދަންނަން ޖެހޭ ކަމަށާއި، އެ އިލްމު ފެތުރުމަށް އިސްލާމީ ޔުނިވަރސިޓީން ދަސްވެނިވާ ކޮންމެ ދަރިވަރަކު ވެސް ނަމޫނާ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

ކިތަންމެ މޮޅަށް އިލްމް ލިބިގެންވާ މީހެއްނަމަވެސް އޭނާގެ ކިބައިގައި ރަނގަޅޫ ސުލޫކާއި ތަރުބިއްޔަތު ނެތިއްޖެނަމަ އޭނާއަށް ލިބިފައިވާ އިލްމަކުން ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށާއި ހަމައެގޮތަށް މީހެއްގެ ކިބައިގައި ރީތީ އަޚްލާގު ހުރެފައި އޭނާގެ ކިބައިގައި އިލްމް ނެތްނަމަ އުއްމަތަށް އޭނާގެ ފަރާތުން ކުރާ ފައިދާ ކުޑަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދަސްވެނިންނަށް އިޝާރާތްކުރައްވައި ޑރ. ޝަހީމް ވިދާޅުވީ، ކޮންމެ ކުއްޖަކު ވާންޖެހޭނީ މުޖްތަމައުގެ ކޮންމެ މީހަކަށް ވެސް އިޙްތިރާމް ކުރާ، މީސްތަކުންގެ މުދަލަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު މީސްތަކުންގެ ހައްޤުތަކަށް ވެސް ރައްކާތެރިވާ ކުއްޖަކަށް ކަމަށެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް އުނގަންނައިދޭ ތަރުބިއްޔަތަކީ އެއީ ކަމަށާއި އެ މަގުން އަޅުގަނޑުމެންގެ މުޖްތަމައު ބައްޓަން ކުރެވިއްޖެނަމަ މާތް ﷲގެ އިރާދަފުޅާއެކު މުޖްތަމައަށް އަންނާނީ ދިރުން ކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އަޅުގަނޑުމެންގެ ހިތުގައި ނަފުރަތު އޮންނަންޖެހޭނީ ނުބައި ކަންތައްތަކަށް ކަމަށާއި އިންސާނުންނަކަށް ނޫން ކަމަށެވެ. އިންސާނާގެ ހަޔާތުގައި އެކިއެކި މަރުހަލާތައް އަންނައިރު، މިއަދު ނުތަނަވަސް ކަމުގެ ތެރޭގައި ހުންނަ މީހަކު މާދަމާ ތަނަވަސްކަމުގެ ތެރެއަށް ހިނގައިދާނެ ކަމަށާއި މިއަދު ގޯސްމަންޒަރުތަކެއް އެމީހެއްގެ ފަރާތުން ފެންނަ މީހަކު މާދަމާ ސޯލިޙް ރަނގަޅު މީހަކަށް ވެދާނެ ކަމަށެވެ. މީހަކު ކުށެއް ކުރާތަން ފެނުނީމާ އެމީހާދެކެ ރުޅިއައުމުގެ ބަދަލުގައި ރުޅިއަންނަންވީ އެމީހާ އެކުރާ ކުށްދެކެ ކަމަށާއި މަސައްކަތް ކުރަންވީ އެކަން އިސްލާޙް ކުރަން ކަމަށެވެ.

"ތިޔައިގެ ތެރެއިން ކޮންމެ ސަޙްސިއްޔަތަކީ އާއިލާގެ ބިންގަލެއް. އެ ބިންގަލުގެ މަތީގައި މުޖްތަމައު އުފެދިގެން މި އަންނަނީ. އެ މުޖްތަމައުގެ ތެރެއިން ދައުލަތް އުފެދިގެން މި އަންނަނީ. ރަނގަޅު ފަރުދަކު ބިނާވުމަކީ ރަނގަޅު އާއިލާއެއްގެ ބިންގާ. ރަނގަޅު އާއިލާއަކީ ރަނގަޅު މުޖްތަމައުގެ ބިންގާ. ރަނގަޅު މުޖްތަމަޢަކީ އަދުލުވެރި ދައުލަތުގެ ބިންގާ. މި މުޖްތަމައުގައި ހެދިބޮޑުވަމުން ތަރުބިއްޔަތު ވަމުން އަންނަ ފަރުދަކީ އެއީ އާއިލާގެ ބިންގަލަކީ" ޑރ. ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީން މި އަހަރު 980 ދަރިވަރުން ދަސްވެނިވާނެއެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *