އެމްޕީއެލްގެ ފަރާތުން ލެބަށް 9 ކޮމްޕިއުޓަރު، މެކްސްގެ ފަރާތުން 11 ފަހާފޮށި ހަދިޔާކޮށްފައިވޭ
ހދ. އޭއީސީގެ 46 ވަނަ އަހަރީ ދުވަހުގެ ހަދިޔާގެ ގޮތުގައި އެ ސްކޫލުގެ ޕީޓީއޭއިން 50،000 ރުފިޔާގެ އެހީއެއް ދީފިއެވެ. މިއީ އެ ސްކޫލުގެ ވަޞީލަތްތައް ތަރައްޤީ ކުރުމަށް އަހަރީ ދުވަހާ ގުޅުވައިގެން ޕީޓީއޭއިން ވެދިން އެހީއެކެވެ.
މިއަދު ފާހަގަކުރާ ހދ. އޭއީސީގެ 46 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ އެސެމްބްލީ އޮތީ މިއަދު ހެނދުނު އެ ސްކޫލުގައެވެ.

ޕީޓީއޭއިން ވެދިން އެހީގެ އިތުރުން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ފަރާތުން އެ ސްކޫލުގެ ކޮމްޕިއުޓަރު ލެބަށް 9 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފައިވެއެވެ. އަދި މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް)ގެ ފަރާތުން 11 ފަހާފޮށި ވެސް ދިޔާ ކޮށްފައިވެއެވެ.

ހދ. އޭއީސީގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވީ، ޕީޓީއޭއިން ހަދިޔާ ކުރި ފައިސާގެ އެހީގެ ތެރެއިން 20،000 ރުފިޔާ ބޭނުން ކުރާނީ އެ ސްކޫލުގެ ލައިބްރަރީއަށް އިތުރަށް ބޭނުންވާ ފޮތްތައް ހޯދުމަށެވެ. މިދިޔަ އަހަރު ފެށި ހައިޑްރޯފޯނިކް ސިސްޓަމް އަޕްގުރޭޑް ކުރުމަށް 15،000 ރުފިޔާ ޚަރަދުކުރަން ނިންމާފައިވާއިރު ކުޅިވަރު ސާމާނު ގަތުމަށް ވެސް 15،000 ރުފިޔާ ޚަރަދުކުރަން ނިންމާފައިވާ ކަމަށެވެ.
ހދ. އޭއީސީގެ ކޮމްޕިއުޓަރު ލެބަށް ބޭނުންވާ އެހީތެރިކަން މިދިޔަ އަހަރުވެސް އެމްޕީއެލްގެ ފަރާތުން ވެދީފައިވެއެވެ. މިއަހަރު ފޯރުކޮށްދިން 9 ކޮމްޕިއުޓަރު ސިސްޓަމާއެކު އެ ސްކޫލުގެ ކޮމްޕިއުޓަރު ލެބަށް ބޭނުންވާ ވަރަށް ކޮންޕިއުޓަރުތައް ހަމަކުރެވުނީ ކަމަށް އެ ސްކޫލުން ބުނެއެވެ.

މެކްސްގެ ފަރާތުން ހަދިޔާކުރި ފަހާފޮށިތަކަކީ އެ ސްކޫލުގެ ތިމާވެށި ކުލަބުން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮޖެކްޓާކަށް ފޯރުކޮށްދިން ތަކެއްޗެވެ. އެއީ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ފޮތިކޮތަޅު ތައްޔާރު ކުރުމަށް ދަރިވަރުންނަށް ބާރުއަޅައި އެތަކެތި އުފެއްދުމަށް ދިން އެހީތެރިކަމެކެވެ. ހދ. އޭއީސީގެ ތިމާވެށި ކުލަބުގެ ދަރިވަރުންނަށް ފޮތި ކޮތަޅު ތައްޔާރު ކުރުމުގެ ތަމްރީނު ވެސް މެކްސްގެ ފަރާތުން ވަނީ ދީފައެވެ.
ޕްރިންސިޕަލް މަތީން ވިދާޅުވީ، އަހަރީ ދުވަހުގެ ހަދިޔާގެ ބޭނުން އެ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ބޭނުން ކުރައްވާނެ ކަމަށެވެ.
advertisment
ހިޔާލު