މުދައްރިސުންގެ ހާޒިރީއާއި ޗުއްޓީގެ ކަންތައްތަކަށް ޚާއްޞަ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ލޭ ސަރަޙައްދުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު މިއަދު ބައްދަލުކުރައްވައި، ސްކޫލުތަކާ މެދު ޕްރިންސިޕަލުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، ޙައްލުހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، މުދައްރިސުންގެ ހާޒިރީގެ މައްސަލަ ޙައްލުކުރުމަށްޓަކައި އިންޓަރނަލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި މި އެޕްލިކޭޝަން މެދުވެރިކޮށް މުދައްރިސުންނަށް ޗުއްޓީއަށް އެދެވޭނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ މިނިސްޓްރީގެ ސިޔާސަތުތައްކަމަށްވާ އިސްވާރުން ހޮވުމުގެ ސިޔާސަތާއި، ސްކޫލުތަކުގައި ބާއްވާ ޙަރަކާތްތަކަށް ޝަރަފުވެރި މެހެމާނުން ހަމަޖެއްސުމާއި އެޑްމިޝަން ޕޮލިސީ ފަދަ ސިޔާސަތުތައް ތަންފީޒުކުރުމުގައި މިނިސްޓްރީއިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ސްކޫލުތަކުން ވެސް އަމަލުކުރެއްވުމަށާއި، އެކަމުގައި ސްކޫލުތަކުން ވަކިވަކި ގޮތްތައް ނުގެންގުޅުއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިނިސްޓަރ ވަނީ ސްކޫލަށް ކުދިން ވެއްދުމުގައި އެޑިޔުކޭޝަން މިނިސްޓްރީއިން ކަނޑައަޅާފައި އޮތް ސިޔާސަތުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ޕްރިންސިޕަލުންނަށް އިރުޝާދު ދެއްވާފައެވެ.
ހިޔާލު