އެމްއެންޔޫއިން ހިންގާ ތިމާވެށީގެ ޑިގްރީ ޕްރޮގްރާމެއް، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އެންދެރި ޕްރޮޖެކްޓުން ސްޕޮންސަރކޮށް ދެނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ހިންގާ ބެޗްލަރ އޮފް ސައިންސް އިން ކުލައިމެޓް ޗޭންޖް ކޯހުގުގައި ކިޔަވާ ދަރިވަރުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ސްޕޮންސަރކޮށްދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެމްއެންޔޫގެ ލ. ގަމު ކެމްޕަހުގައި ކުރިއަށް ގެންދާ ބެޗްލަރ އޮފް ސައިންސް އިން ކުލައިމެޓް ޗޭންޖް ކޯހުގައި 12 ދަރިވަރުން ކިޔަވަމުންދާއިރު، ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެ ކޯސް ސްޕޮންސަރކުރީ އެ ވުޒާރާއިން ލ. އަތޮޅުގައި ހިންގާ އެންދެރި ޕްރޮޖެކްޓްގެ ދަށުންނެވެ.

މިއަދު މެންދުރު އެމްއެންޔޫގައި އޮތް ރަސްމިއްޔާތުގައި ސްޕޮންސަރޝިޕް އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުހަންމަދު ޒާހިރު (މީމުޒަވިޔަނި) އެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ، ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.

ތިމާވެއްޓާ ގުޅުން ހުރި ދާއިރާތަކުން ކޯސްތައް ހިންގަން އެމްއެންޔޫއާއެކު އެއްބަސްވެ، ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ މީގެ ކުރިން ވެސް ސްޕޮންސަރ ހަމަޖައްސައިދީފައެވެ.

އެމްއެންޔޫގެ ސައިންސް އެންޑް ޓެކްނޮލޮޖީ ފެކަލްޓީން ހިންގާ ބެޗްލަރ އޮފް ސައިންސް އިން ކުލައިމެޓް ޗޭންޖް ކޯހާ ބެހޭ ގޮތުން އެ ފެކަލްޓީގެ ޑީން އާދަމް ޚާލިދު ވިދާޅުވީ، އެ ކޯސް ފަރުމާކޮށްފައި ވަނީ ބައިނަލް އަޤްވާމީ ޔުނިވަރސިޓީތަކާ ގުޅިގެން އެފަރާތްތަކުގެ ލަފައާއި އިރުޝާދުތަކާއެކުގައި ކަމަށެވެ. އެ ކޯހުން، ދަރިވަރުންނަށް މޫސުމާ ބެހޭ އިލްމާއި ސިޔާސަތުތަކާއި އަމަލީ މަސައްކަތުގެ ވަރުގަދަ އަސާސެއް ޖަޒީރާ ރަށްތަކުގެ ހާލަތަށް ބަލައިގެން ފަރުމާކުރެވޭނެ ކަމަށެވެ. ތިމާވެށީގެ އިލްމަކީ ރާއްޖޭގެ ދެމިއޮތުމަށާއި ކުރިއެރުމަށް ވަރަށް މުހިންމު އިލްމެއް ކަމަށާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ދެނެގަނެ އެކަމާ ވިސްނައި ޝައުޤުވެރިކަމާ އެކު އިލްމީ ދިރާސާ ކުރާނެ ފަރާތްތަކެއް އުފެއްދުމަކީ އެ ފެކަލްޓީން އިސްނަގައިގެން ކުރާނެ މަސައްކަތެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ، ތިމާވެށީގެ ދާއިރާއިން މީހުން ހޭލުންތެރިކޮށް، އިލްމީ މަސްކަތް ކުރާނެ ފަރާތްތައް އުފެއްދުމަކީ ޔުނިވަރސިޓީގެ ޒިންމާއެއް ކަމަށާއި އެބޭފުޅުންގެ ދައުރަކީ އެކަމަށް ބޭނުންވާ ފައިސާ ހޯދައިދެއްވުން ކަމަށެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ، ބެޗްލަރ އޮފް ސައިންސް އިން ކުލައިމެޓް ޗޭންޖް ކޯސް އެމްއެންޔޫގެ ލ. ކެމްޕަހުގައި ހިންގި ނަމަވެސް އެ ކޯހުގައި ޝައުޤުވެރިވާ އެންމެންނަށް ބައިވެރިވެވޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *