އަމަލީ ތަޖުރިބާ ހޯދަން، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ 151 ދަރިވަރުން މެލޭޝިއާއަށް ފުރައިފިއެވެ.
މިއީ ކިޔަވައިދޭ ފިލާވަޅުތަކާއި ގުޅުވައިގެން އަމަލީ ތަޖުރިބާ ހޯދަން ކޮންމެ އަހަރަކުވެސް އެ ސްކޫލުން ކުރިއަށް ގެންދާ ޚާއްޞަ ދަތުރެކެވެ. "ލަރނިންގ ބިޔޮންޑް ވޯލް"ގެ ނަމުގައި ކުރިއަށް ގެންދާ މި ދަތުރުގައި ދަރިވަރުން ފުރީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ސައިންސް ކިޔަވާ 73 ދަރިވަރުންނާއި ހަތް މުދައްރިސުން ފުރީ އިއްޔެއެވެ. މި ދަރިވަރުން އެޕްރީލް 13ން 20 އަށް މެލޭޝިޔާގައި ތަފާތު ތަޖުރިބާތައް ކުރާނެއެވެ. ބިޒްނަސް ކިޔަވާ 78 ދަރިވަރުންނާއި އަށް ޓީޗަރުން ފުރާނީ މިއަދުއެވެ. ބިޒްނަސް ކިޔަވާ ކުދިން މާލެ އަންނާނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.
މި ދަތުރުގއި އެ ސްކޫލުގެ ޕްރިިންސިޕަލް އަލީ މުސްތާފާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ބިޒްނަސް ކިޔަވާ ދަރިވަރުން، މެލޭޝިއާގެ ބައެއް ފެކްޓަރީ ތަކަށާއި ބޭންކް އަދި ޔުނިވަރސިޓީ ފަދަ ތަންތަނަށް ޒިޔާރަތް ކުރާނެއެވެ. އެއިން ކޮންމެ ތަނެއްގައި އެ ތަނެއްގައި ހިނގަމުންދާ އޮޕަރޭޝަންތައް ބަލައި ހޯދުމުގެ އިތުރަށް، ދަރިވަރުންނަށް ޚާއްޞަކޮށް އިންތިޒާމް ކޮށްފައިވާ ޙަރަކާތްތަކުގައި ބައިވެރިވާނެއެވެ. ސައިންސް ކިޔަވާ ކުދިން ވެސް ފެކްޓަރީތަކާއި ސައިންސާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކޮށް އެ ދަރިވަރުން ކިޔަވަމުންދާ ފިލާވަޅުތަކާ ގުޅޭ ކަންތައްތައް ބަލައި ހޯދައި އަމިއްލައަށް ތަޖުރިބާ ކުރާނެ ކަމަށް ވިލާ ހައި ސްކޫލުން ބުނެއެވެ.
ވީއައިއެޗްއެސްއީން ބުނީ، އުގަންނައިދީ ތަރުބިއްޔަތު ކުރުމުގެ ފަންނުގައި އަޅުގަނޑުމެންނަށް ލިބިފައިވާ ތަޖުރިބާއިން އެނގެނީ ވިސްނަން ދަންނަ ކިޔަވަން ދަންނަ އުފެއްދުންތެރި ޝަހުސިއްޔަތެއް އުފެއްދުމަށް، ކުލާސްރޫމުގައި ދެވޭ ޢިލްމީ އޮއްޓަރުގެ މިންވަރާއި ތަޖުރިބާގެ އިތުރަށް ސްކޫލުގެ ހަރިއްމައިން ބޭރުން އުނގެނި ތަޖުރިބާ ކުރުމުގެ ފުރުޞަތު އިންތިހާއަށް ބޭނުންތެރި ކަމަށެވެ.
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަކީ ދިވެހި މަދަރުސީ ނިޒާމުގައި ހުއްޓުމެއްނެތި އިންތިޒާމުވެ، މި ބާވަތުގެ ފުރުޞަތު ދަރިވަރުންނަށް ތަނަވަސްކޮށްދޭ ހަމަ އެކަނި ސްކޫލް ކަމަށާއި، އެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުން ދަރިވަރުންނަށް ފަހިކޮށްދޭ ސްކޫލެކެވެ.
"ލަރނިންގ ބިޔޮންޑް ވޯލް" ޓީޗިންގ ސްޓްރެޓެޖީ އެއްގެ ގޮތުގައި ވީއައިއެޗްއެސްއިން ކަނޑައަޅައި ތަންފީޒު ކުރަމުން ގެންދާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.
ހިޔާލު