ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރެއްވި މަޑުލު ވަޙީދު އަވަހާރަވެއްޖެ

ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވެއްޖެއެވެ. އަވަހާރަވީ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.

މަޑުލު ވަހީދު ވަނީ، 35 އަހަރު ދައުލަތަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 17 ޑިސެންބަރު 1966 ގައެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުއްތިޖާރާގެ އިނގިރޭސި ކާތިބުކަމެވެ.  އެންމެފަހުން އަދާކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަޤާމެވެ.

ލިޔުންތެރިކަމާއި ނޫސްވެރިކަމުގެ ތެރެއަށް ވަދެވަޑައިގެންނެވީ، 1973 ވަނަ އަހަރު މޫންލައިޓްގައި ބޭރުގެ ޚަބަރުތައް ތަރުޖަމާ ކުރައްވަން ފެއްޓެވި ހިސާބުންނެވެ.

މަޑުލު މުޙައްމަދު ވަޙީދަކީ އެތައް ދަރިވަރުންގެ މުދައްރިސެކެވެ. ރާއްޖޭގެ ބައެއް ސްކޫލްތަކުގައިވެސް ކިޔަވައިދެއްވިއެވެ. ބަހާ ގުޅުން ހުރި އެތައް ކޯސްތަކެއްގައި ކިޔަވާދެއްވާފައިވެއެވެ. ރާއްޖޭގައި ފުރަތަމަ ތާނަ އަކުރުން ޓައިޕްކުރަން ދަސްކޮށްދެއްވުމުގެ ކޯސްތައް، ސަރުކާރުން ހިންގަވަން ފެށްޓެވިއިރު، އެ ކޯސްތަކުގައި ފުރަތަމަ ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައިވެސް ވަޙީދު ހިމެނިވަޑައިގެންނެވިއެވެ.

މަޑުލު ވަހީދުގެ ކުރުވާހަކަތަކަކީ ދިވެހިންގެ ތެރޭގައި މަޤްބޫލު އިބުރަތްތެރި ވާހަކަތަކެވެ. ޚާއްޞަކޮށް ކިޔަވާކުދިންނަށް އެތައް އިބުރަތެއް އެ ވާހަތަކުން ލިއްބައިދެއެވެ.

އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަމަށާއި ލިޔުންތެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އަމަލީ ގޮތުން ކުރެއްވި ބޭފުޅެކެވެ. ލޔުންތެރިކަމަށް މަޑުލު މުޙައްމަދު ވަޙީދު ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2019 ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަންވެސް ލިބިވަޑައިގެންފައިވެއެވެ. އަދި ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މަޑުލު ވަހީދަށް ލިބިވަޑައިގެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *