ދިވެހި ފުލުހުންގެ ޚިދުމަތާއި ތައުލީމީ ވުޒާރާ ގުޅިގެން، ސްކޫލުތަކުގެ ފުރާވަރު އުމުރުފުރައިގެ ދަރިވަރުންނަށް ކުރިއަށްގެންދާ ‘’ކޭންޕު ފުރާވަރު" ގެ 106 ވަނަ ކޭންޕު ތ. ވިލުފުށީ ސްކޫލުގައި ފަށައިފިއެވެ.
ދިރާސީ އައު އަހަރުގެ ފުރަތަމަ ކޭމްޕް ކުރިއަށް ގެންދަނީ ވިލުފުށީ ސްކޫލަށް ޚާއްޞަކޮށްގެން އެ ސްކޫލުގައެވެ. މި ކޭމްޕްގައި އެ ސްކޫލުގެ ގްރޭޑް 8 އިން 12 ގައި ކިޔަވަމުންދާ 90 ދަރިވަރުން ބައިވެރިވެއެވެ. މި ކޭމްޕް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. މި ކޭންޕު ކުރިއަށް ގެންދަނީ ވިލުފުށީ ސްކޫލާއި، ކައުންސިލާއި، ސިއްހީ މަރުކަޒާއި، ވިލުފުށީ ފެނަކަ އަދި އާރު.ޑީ.ސީ ގޮފީގެ އިތުރުން ވިލުފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

ފުރާވަރު ކޭންޕަކީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ ކޭންޕެކެވެ.
ވިލުފުށީގައި ކުރިއަށް ގެންދާ މި ކޭންޕުގެ އިތުރުން ވެސް ފުރާވަރު ކޭންޕު އިތުރު ސްކޫލުތަކުގައި މި ދިރާސީ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްސް ޔުނިޓް ހެޑް، އިންސްޕެކްޓްރ އޮފް ޕޮލިސް ހަސަން މަޝްރޫރް ވިދާޅުވެފައިވެއެވެ. މި މަހު ފަހުކޮޅު ބ. އޭދަފުށީ ސްކޫލު ދަރިވަރުންނަށް މި ކޭންޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ކ. ގުރައިދޫ، އދ. މާމިގިލި އަދި ސ. ފޭދޫގައި ވެސް މި ކޭންޕު ކުރިއަށް ގެންދާނެ ކަމަށް މަޝްރޫރު ވިދާޅުވެފައިވެއެވެ.

އެކްޓިވިޓީ ކަލަންޑަރުގައި ހިމެނައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ސްކޫލު ދަރިވަރުންނަށާއި، ބެލެނިވެރިން އަދި މުދައްރިސުންނަށް ހާއްސަކޮށްގެން ވެސް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށާ އެގޮތުން އަމާންވެށި ޕްރޮގްރާމް ހއ. ބާރަށް، ރ. ދުވާފަރު އަދި ލ. ގަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މާލެއާއި އަތޮޅުތެރެ ހިމެނޭ ގޮތަށް، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށާއި އަމިއްލަ ކުންފުނިތަކާއި ޖަމުއިއްޔާތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެސް މިއަހަރު ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.


advertisment
ހިޔާލު