މަގޫދޫ ސްކޫލް އޭސީކޮށް، ލެބަށް ބޭނުންވާ 30 ކޮމްޕިއުޓަރު އެރަށު ކައުންސިލުން ދީފި

ފ. މަގޫދޫ ސްކޫލް އޭސީކޮށް، ލެބަށް ބޭނުންވާ 30 ކޮމްޕިއުޓަރު އެރަށު ކައުންސިލުން ދީފިއެވެ. މި ތަކެތި އެ ސްކޫލާ ހަވާލު ކުރަން މިދިޔަ ބުރާސްފަތި ދުވަހު ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.

މަގޫދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުގައި 217 ދަރިވަރުން ކިޔަވަމުންދަނީ 12 ކުލާސްރޫމުގައި ކަމަށާއި އެ ކުލާސްރޫމްތައް އޭސީ ކުރަން ބޭނުންވާ 24 އޭސީއާއި ކޮމްޕިއުޓަރު ލެބަށް ބޭނުންވާ 30 ކޮމްޕިއުޓަރު ކައުންސިލުގެ ފަރާތުން އެ ސްކޫލާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ފަޔާޒު ވިދާޅުވީ، އެޑިޔުކޭޝަން މިނިސްޓްރީން "ކޫލް ސްކޫލް" ޕްރޮޖެކްޓް އިއުލާން ކުރުމާ ގުޅިގެން އެ ސްކޫލުގެ ކުލާސްރޫމްތަކުގައި އޭސީ ހަރުކުރަން ކައުންސިލުން ނިންމީ މިދިޔަ އަހަރު ކަަމަށެވެ. އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެރަށުގައި ހުންނަ ފެނަކަ ބްރާންޗުން ކަމަށާއި އެ މަސައްކަތް ކޮށްދެނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިލޭ ސާބަހަށް ކަމަށެވެ.

"އޭސީ ހަރުކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފެނަކަ ބުރާންޗުން ފަށައިފި. ކައުންސިލާ އެކު ވި ފަހުމުނާމާގައިވާ ގޮތުން ކައުންސިލުން ފޯރުކޮށްދޭނީ އޭސީތައް. ހަރުކުރުމުގެ މަސައްކަތް ކުރާނީ ފެނަކައިން" ފަޔާޒު ވިދާޅުވިއެވެ.

ސަރުކާރު ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުގެ ތައްޔާރީތައް އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވިދާޅުވެފައި ވަނީ، މި އަހަރުގެ ނިޔަލަށް ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށާއި އަދި ސްކޫލްތަކުގެ ހޯލްތައް ވެސް އޭސީ ކޮށްދޭނެ ކަމަށެވެ.

ފަޔާޒު ވިދާޅުވީ، ކޮމްޕިއުޓަރ ލެބް ތަރައްޤީކުރުމާ ގުޅޭ ގޮތުން އެ ސްކޫލުން ކައުންސިލަށް ޕްރޮޕޯސަލެއް ހުށައެޅި ކަމަށާއި ކައުންސިލުން ފޯރުކޮށް ދިނީ އެ ޕްރޮޕޯސަލްގައި ކަނޑައަޅާފައިވާ އަދަދަށް މިހާރަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމްތައް ކަމަށެވެ. އެ ސިސްޓަމްތަކާ އެކު މައިކްރޯފޯން ފަދަަ އިތުރު ތަކެތި ވެސް ކައުންސިލުން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގޫދޫ ސްކޫލުގެ ލައިބްރަރީ ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓެއް ފަށަން މަގޫދޫ ސްކޫލުން ދަނީ ތައްޔާރު ވަމުންނެވެ. އެކަމުގައި ވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެނީ އެ ރަށު ކައުންސިލުގެ ފަރާތުންނެވެ.

ފަޔާޒު ވިދާޅުވީ، ރަށު ކައުންސިލުން މަސައްކަތް ކުރަމުން އަންނަނީ އެ ސްކޫލާއެކީގައި ވަރަށް ކައިރިން ކަމަށާއި ސްކޫލަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި ކައުންސިލުން ޚާއްޞަ އިސްކަމެއް އަބަދުވެސް ދެމުން އަންނަ ކަމަށެވެ. އެކަމަށްޓަކައި ކައުންސިލުގެ ހުރިހާ މުވައްޒަފުންނަށް އޭނާ ޝުކުރުއަދާކުރެއްވިއެވެ.

މަގޫދޫ ސްކޫލުގައި ކިޔަވައިދެމުން ގެންދަނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *