ތެލާއި ކާޑަށްވުރެ އިސްކަންދޭނީ ބޭރުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ އާއި ސްޓައިޕެންޑު ފައިސާ ދޫކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސްކޮލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ޝަކުވާތައް އެއްސެވި ކަމަށާއި އެ ދަރިވަރުންގެ ޝަކުވާތައް އެއްސެވިކަމަށެވެ. މައިގަނޑު ގޮތެއްގައި އެ ދަރިވަރުން ފާހަގަ ކުރެއްވީ ދަރިވަރުންގެ އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވުމާއި ސްޓައިޕެންޑައި ޓިއުޝަން ފީ ލިބުން ލަސްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކަންތައްތައް ހައްލުކޮށްދިނުމުގެ ގޮތުން ފިޔަވަޅުތަކެއް މިހާރު އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއަށް ގުޅަން އުނދަގޫވާ މައްސަލައިގައި ވިދާޅުވީ ބޭރުގައި ދަރިވަރުން ތިބޭ ގައުމުތަކަށް ހާއްސަކޮށްގެން، ކޮންމެ ގައުމަކަށް ވަޓްސްއެޕް ބިޒްނަސް ނަންބަރެއް ތައާރަފުކޮށް އެ ނަންބަރު މެނޭޖުކުރަން ހާއްސަކޮށްފައި ވަކި ސްޓާފެއް ހަމަޖައްސާނެ ކަމަށެވެ. ސްޓައިޕެންޑައި ޓިއުޝަން ފީ ލިބުން ލަސްވާ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން، ދަރިވަރުންގެ ޓިއުޝަން ފީ އާއި ސްޓައިޕެންޑު ފައިސާ ދޫނުކޮށް ތެލާއި ކާޑަށް ވެސް ފައިސާ ދޫނުކުރަން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.
"ތެލާއި ކާޑަށް ވެސް މިހާރު ފައިސާ ދޫކުރާނީ ލޯނު ނޫނީ ސްޓައިޕެންޑު އަދި ޓިއުޝަން ފީ ދޫކުރުމަށްފަހު" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، މި މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާ ކަމަށެވެ.
ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއިރު، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މި މައްސަލައަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވައިގެން، އެކަމުގެ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިއަށް ދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަސައްކަތްތައް ކުރިއަށް ދަނީ ގަވަރުނަރުގެ މަޝްވަރާއާ އެކުގައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނީ، ރާއްޖޭގެ ބާޒާރަށްވެސް އެ ކަމުން ނުރަނގަޅު އަސަރެއް ނުފޯރާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ލިބި، އެ ފައިސާ ބޭނުން ކުރެވެން ވާނީ އެ ދަރިވަރަކު ކިޔަވަމުންދާ ޤައުމެއްގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު