އޯލެވެލް އިމްތިޙާނުގައި މި އަހަރު 8300 ދަރިވަރުން ބައިވެރިވާނެ

މި މަހުގެ 20ގައި ފަށާ އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8362 ދަރިވަރުން ބައިވެރިވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ދަރިވަރު ނޫހާ ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ކެމްބްރިޖް އައިޖީސީއީ އޯލެވެލް އިމްތިޙާނުގައި 7666 ދަރިވަރުން ހަދާނެއެވެ. އެސްއެސްސީ އިމްތިހާނު ހަދަނީ 7519 ދަރިވަރުންނެވެ.

އޯލެވެލް އިމްތިޙާނު މި މަހު 20ގައި ފަށަން ތާވަލުކޮށްފައިވާއިރު، ބައެއް މާއްދާތަކުގެ މޮޑިއުލްތަކުގެ އިމްތިޙާންތައް މިދިޔަ ހޯމަ ދުވަހު ވަނީ ފަށާފައެވެ. އޯލެވެލް އިމްތިޙާނު ނިމެނީ ޖޫން 11 ގައެވެ.

މި އހަރު 260 ސެންޓަރެއްގައި އޯލެވެލް އިމްތިޙާން ކުރިއަށް ގެންދާނެއެވެ.

އޯލެވެލް އިމްތިޙާނުގައި ރާއްޖޭގެ ސްކޫލަކުން ބައިވެރިވާނަމަ ފީ ދައްކައި ދެމުން އަންނަނީ ސަރުކާރުންނެވެ. ސަރުކާރުން ފީ ދައްކަމުން އައި އުޞޫލަށް އެޑިޔުކޭޝަން މިނިސްޓްރީން 2023 ވަނަ އަހަރުގެ ތެރޭގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ގެނައި ބަދަލާއެކު ކޮންމެ ދަރިވަރަކު ވެސް މަޖުބޫރު 4 މާއްދާގައި ބައިވެރިވާން ޖެހެއެވެ. ދަރިވަރުން ބައިވެރިވާ މާއްދާތަކަށް އެ ބަދަލު ގެނައުމުގެ ކުރިން ފީ ދައްކަމުން އައީ މޮކް އެގްޒާމުން ފާސްވާ ދަރިވަރުންނަށެވެ. މޮކްއެގްޒާމުން ފާސްނުވާ ދަރިވަރުން އިމްތިޙާނުގައި ބައިވެރިވާން ފީ ދައްކަން ޖެހެނީ އަމިއްލައަށެވެ. އޯލެވެލް އިމްތިޙާނުގެ މަޖުބޫރު 4 މާއްދާގެ ގޮތުގައި ކަނޑައަޅާފައި ވަނީ  އިސްލާމާއި ދިވެއެއްސާއި އިނގިރޭސިގެ އިތުރުން ހިސާބެވެ.

އޯލެވެލް އިމްތިހާނުގައި މިދިޔަ އަހަރު 7،501 ދަރިވަރުން ބައިވެރިވެރިވެފައިވެއެވެ. އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިދިޔަ އަހަރު ހެދީ 256 ސެންޓަރެއްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *