މާއްދާތަކުގެ މުޤައްރަރުތައް އަލުން މުރާޖަޢާކޮށް، ކޮންމެހެން ގެންނަންޖެހޭނެ ބަދަލުތަށް ގެނެއުމާއި ދަރިވަރުންނަށް އުނގަންނަވައިދެވޭ ކޮންޓެންޓްގެ ފެންވަރު ރަގަޅު ކުރަން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ދެއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޚުވީ، ޢިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ކީ-ސްޓޭޖް 4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކާއި، ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ފަށައިގެން ކުރިއަށް ދާނެ ކަމަށެވެ. އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް، ޤައުމީ ފެންވަރުގައި ކުރިއަށް ގެންދެވޭ ނެޝަނަލް އެސެސްމެންޓް ފޯ ލާނިންގ އައުޓްކަމްސް (ނާލޯ) މިހާރު ނެގެނީ ކީސްޓޭޖް-1 އަދި ކީސްޓޭޖް-2 ނިންމާ މަރުހަލާގައި ކަމަށެވެ. މިފެށޭ ދިރާސީ އަހަރުގައި ކީސްޓޭޖް-3ގެ މަރުހަލާ ނިންމާ ދަރިވަރުންނަށް މިއެސެސްމެންޓް ދޭންފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުވަނީ ނިމިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރަށް މުޅިން އަލަށް ރާއްޖޭގެ ފަށާތަޢުލީމުގެ މަރުޙަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަޤުވާމީ ލެވެލްގައި ބެންޗުމާކު ކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. އިސްމާއިލް ޝަފީއު ވިދާލުވި ގޮތުގައި، މަތީ ސާނަވީއަށް އުނގެނުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ފަހި ކޮށްދިނުމަށްޓަކައި، ނިމިދިޔަ ދިރާސީ އަހަރުގެ ތެރޭގައި، އޭ-ލެވެލް އެކްސްޕޭންޝަންގެ ޕައިލޮޓް ޕްރޮގްރާމެއް، އަތޮޅު ތެރޭގެ 23 ސްކޫލެއްގައި ކުރިއަށް ގެންދެވުނު ކަމަށެވެ. މިދިޔަ ދިރާސީ އަހަރުގެ ތެރޭގައި ސަރުކާރު ސްކޫލްތަކުގެ މަތީ ސާނަވީއަށް ކިޔަވަން އަލަށްވަން ދަރިވަރުންގެ އަދަދު 77 އިންސައްތަ އިތުރުވިއެވެ. މަތީ ސާނަވީއަށް ދަރިވަރުން އިތުރުވެގެންދިޔުމަކީ ގައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ބާރަކަށްވާނެ. މި ޕްރޮގްރާމް އިތުރު ލާރނިންގ ޕާތްވޭސްތަކާއެކު މިއަހަރު ފުޅާކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާގެ ސިޔާސަތުތަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްހުރި ގޮންޖެހުންތަށް ފިލުވާލުމަށް އެޑިއުކޭޝަނަލް ގަވަރނެންސް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ވިދާޅުވީ، ތަޢުލީމީ ވުޒާރާއާއި ވުޒާރާގެ ދަށުން ހިންގާ ޑިވިޜަންތަކާއި ޑިޕާޓްމެންޓުތަކާއި ސެކްޝަންތަކުގެ އޮނިގަނޑުތައް މުރާޖަޢާކޮށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށާއި ތައުލީމީ ދާއިރާގެ ސިޔާސަތުތަކާއި ނިންމުންތައް، ހެއްކާއި ޤަރީނާގެ މައްޗަށް ނިންމުމުގެ މުހިއްމު ކަމަށް ބަލާ، އާޓިފިޝަލް އިންޓެލިޖެންސާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އަލީގައި ތަރައްޤީ ކުރެވިގެންދާ އާ އެޑިއުކޭޝަނަލް މެނެޖްމަންޓް ސިސްޓަމްގެ މޮޑިއުލްތަށް މި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި ރޯލްއައުޓް ކުރަން ފެށޭނެ ކަމަށެވެ.


advertisment
ހިޔާލު