ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ކިޔަވާ ކުދީންނަށާއި ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި ޚިދުމަތްތެރީންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ކިޔަވާ ކުދީންނަށާއި ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި ޚިދުމަތްތެރީންނަށް ނުހަނު އިޚްލާޞްތެރިކަމާއި އެކު އަރިސްކުރާ ކަމަށެވެ.
މި ފެށުނު ދިރާސީ އައު އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވައި، ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ޙާޞިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
"އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަން" ރައީސް ވިދާޅުވެފައިވެއެވެ.
އެ މަނިކުފާނުގެ މެސެޖް ނިންމާލައވަމުން ވިދާޅުވެފައި ވަނީ، "މި ފެށުނު ދިރާސީ އަހަރަކީ، ގަދަކީރިތިވަންތަ ﷲގެ ރަޙްމަތާއި، މަދަދާއި، ނިޢުމަތުން ފުރިގެންވާ އަހަރެއްކަމުގައި ލައްވާށިއެވެ. ބެލެނިވެރީން އެ ކުރައްވާ ހިންމަތުގައި ބަރަކާތްލައްވާ، މުދައްރިސުންނަށް ހީވާގިކަމާއި ޢިލްމު އިތުރުކޮށްދެއްވައި، ދަރިވަރުންނަށް ތޫނުފިލިކަން އިތުރުކޮށްދެއްވާށިއެވެ. ޤައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުންވެސް ޚިދުމަތްތެރި މޮޅު ދަރީންތަކެއް ބިނާކުރުގެ ހެޔޮ ތައުފީޤު ދިވެހިރާއްޖެއަށް މިންވަރުކުރައްވާށިއެވެ. އާމީން."
ދިރާސީ އާ އަހަރު ސަރުކާރުގެ 217 ސްކޫލެއްގައި 84000 ދަރިވަރުން ކިޔަވަމުން ގެންދާނެއެވެ.
advertisment
ހިޔާލު