"ހިތުން ހިތަށް ހިނިތުންވުމާ އެކު" ހުރާ ސްކޫލުގެ މުވައްޒަފުން މި ފަހަރު ބަދަލު ކުރީ ޢީދު ހަދިޔާ

ހިތުން ހިތަށް ހިނިތުންވުމާ އެކު މާލެ އަތޮޅު ހުރާ ސްކޫލުގެ މުވައްޒަފުން ޢީދު ހަދިޔާ ބަދަލުކޮށްފިއެވެ.

މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ "ހިތުން ހިތަށް، ހިނިތުންވުމާއި އެކު" ގެ މި ފަހަރުގެ ހަރަކާތް ޚާއްސަކުރީ ފިތުރު ޢީދާއި ގުޅުވައިގެން ޢީދު ހަދިޔާ ބަދަލުކުރުމަށެވެ. 2021 ވަނަ އަހަރުން އެ ސްކޫލުގެ މުވައްޒަފުން ގުޅުން ބަދަހި ކުރުމުގެ  ގޮތުން މި ފަދަ ހަރަކާތެއް ކޮންމެ އަހަރަކު ވެސް އެ ސްކޫލުން ކުރިއަށް ގެންދެއެވެ. މިދިޔަ އަހަރު ހަދިޔާ ކުރީ ތަށިބަރިއެވެ.

ހުރާ ސްކޫލްގެ ޕްރިންސިޕަލް އާމިނަތު އަރީޝާ ވިދާޅުވީ، އެ ސްކޫލުގެ ކޮންމެ ދެ މުވައްޒަފަކީ ޓީމެއްގެ ގޮތުގައި ބަހާލައިގެން ކޮންމެ ޓީމެއްގެ ބައިވެރިއަކު، އެޓީމުގެ އަނެއް ބައިވެރިޔާއާ މެދު ދެކޭގޮތް ހާމަކުރާ ކާޑަކާއި އަދި އިތުރު ހަދިޔާއެއް "ހިތުން ހިތަށް، ހިނިތުންވުމާއި އެކު" ހަރަކާތުގެ ތެރެއިން ކޮންމެ މުވައްޒަފަކަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ. ކޮންމެ އަހަރަކު ވެސް މި ހަރަކާތް ކުރިއަށް ގެންދަނީ އެކި މުނާސަބަތުތަކާ ގުޅުވައިގެން ކަމަށާއި މިދިޔަ އަހަރު ރޯދަމަހަށް ޚާއްޞަކޮށްގެން ތަށިބަރި ހަރިޔާކުރިއިރު، މިފަހަރު މި ހަރަކާތް ކުރިއަށް ގެންދިޔައީ އީދާ ގުޅުވައިގެން ކަމަށެވެ.

ހުރާ ސްކޫލުގައި 45 މުވައްޒަފުން މި ވަގުތު މަސައްކަތް ކުރަމުން ގެންދާއިރު ކޮންމެ މުވައްޒަފަކަށް ވެސް ޚާއްޞަ ކާޑަކާއި އީދު ހަދިޔާއެއް ވަނީ ދީފައެވެ.

"ކާޑުގައި ފާހަގަކޮށްފައި ހުންނަނީ، ގުރޫޕްގައި ހިމެނޭ އެއް ބައިވެރިޔަކު އަނެއް ބައިވަރިޔާ މެދު ދެކޭ ގޮތް. މީގެ ސަބަބުން މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެ އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫޙް އާލާވޭ" އަރީޝާ ވިދާޅުވިއެވެ.

ހުރާ ސްކޫލުގައި 300އާ ކައިކުރާ އަދަދެއްގެ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *