ޝަރީޢާ ހުއްދަކުރާ ގޮތް ހަދަން ސްޓޫޑެންޓް ލޯނުން އިދާރީ ފީ ކަނޑާލައިފި

މަތީ ތަޢުލީމަށް ކިޔަވަން ދަރިވަރުންނަށް ދެމުން އަންނަ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ދޫކުރާ ލޯނު ތަކަކީ ޝަރީޢާ ހުއްދަކުރާ ލޯނުތަކަށް ހެދުމަށް ސްޓޫޑެންޓް ލޯނުން މިހާރު ނަގަމުން އަންނަ އިދާރީ ފީ ކަނޑާލަން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ތިރީގައިވާ ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ދަންނަވާފައިވާ ކަމަށެވެ. އެ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ކުރުމާއި، ރާއްޖެއާ ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުން ހިމެނޭ ކަމަށެވެ. އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރަން ވެސް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން ހަމަޖައްސަން ވެސް އެ މަނިކުފާނު މިއަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

މަތީ ތައުލީމް ހާޞިލް ކުރުމަށް ރާއްޖެއިން ބޭރުން ކިޔެވުމަށް ލޯން ދޫކުރަމުން އައީ ފަސް އިންސައްތައިގެ އިދާރީ ފީއެއް ހިމަނައިގެންނެވެ. ނަމަވެސް އެ އަދަދު ތިން އިންސައްތައަށް ކުޑަކުރުމަށްފަހު، އެއް އިންސައްތައަށް ކުޑަކޮށްފައިވެއެވެ.

މިއަދު ގެންނެވި ބަދަލާއެކު ލޯނުގެ ގޮތުގައި ދޫކުރާ އަދަދުގެ އިތުރަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ.

މަތީ ތައިލީމުގެ ފުރުޞަތު ކުރިމަތިލި ހުރިހާ ދަރިވަރުންގެ ތެރެއިން ޝަރުޠު ހަމަވި ހުރިހާ ދަރިވަރުންނަށް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ދީފައިވެއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، "ސްޓޫޑެންޓް ލޯން ސްކީމް" އަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި މިހާރު ކުރިއަށް ގެންދަނީ އިދާރީ މަސައްކަތްތައްކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *