ކިޔަވައިދޭ ގަޑި ނުގެންލޭ ގޮތަށް، ރޯދަ މަހު ސްކޫލްތައް ބަންދުކުރެވޭނެ ގޮތެއް ހަމަޖެއްސޭތޯ ބަލަނީ

ކިޔަވައިދޭ ގަޑި ނުގެއްލޭ ގޮތަށް، އަންނަ ރޯދަ މަހުން ފެށިގެން ކޮންމެ ރޯދަ މަހަކު ސްކޫލްތައް ބަންދު ކުރެވޭނެ ގޮތެއް ހަމަޖެއްސެވޭތޯ ބައްލަވައި ދިނުމަށް އެޑިޔުކޭޝަން މިނިސްޓަރުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގަންނަވައިފިއެވެ.

"ރައްޔިތުންނާއެކު" މި ނަމުގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މި ފަހަރު ރޯދަމަސް އެކީ ބަންދުކުރީ ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން ގެނައި ބަދަލުތަކުގެ ތެރެއިން ކަމަށާއި އަންނަ އަހަރުން ފެށިގެން ރޯދަމަސް އެކީގައި ސްކޫލްތައް ބަންދުކުރަން އެދިވަޑައިގެންނެވީ ކިޔަވައިދޭ ގަޑިތައް ނުގެއްލޭނެ ގޮތަކަށް އެކަން ކުރެއްވުމަށެވެ. މުޅި ރޯދަ މަސް ބަންދުކުރާ ގޮތަށް މި ފަހަރު ހަމަޖެއްސުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމަށް އެދެވޭ، ރަނގަޅު ހިޔާލު ތަކެއް ލިބިވަޑައިގެންނެވިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

" އަޅުގަނޑު މިހާރު ވާނީ އެޑިއުކޭޝަން މިނިސްޓްރަށް ދަންނަވާފައި، ދެން އަންނަ ކޮންމެ ރޯދަ މަހެއްގައި ވެސް ސްކޫލްތައް ބަންދުކުރެވޭނެ ގޮތެއް ހަމަޖެއްސޭތޯ. އެއްވެސް ވަރަކަށް ކިޔަވައިދޭ ގަޑިތައް ނުގެއްލޭނެ ގޮތަކަށް." ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރޯދަ މަހުގެ ފަހު 10އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ނިންމީ، ރޯދަމަހަކީ އަޅުކަމުގެ މައްސަރެއް ކަމަށާއި ރޯދަ މަހުގެ ފަހު 10 އަށް އިތުރު ސަމާލުކަމެއް ދިނުމަށް ދީނުގައި ވެސް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއީ ލައިލަތުލް ގަދުރިއަށް މަސައްކަތްކޮށް އެ ރޭގައި ދަރުމަ އާއި ސަވާބު ލިބިގަތުމަށް ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު މިހާރު ވާނީ އެޑިއުކޭޝަން މިނިސްޓްރަަށް ދަންނަވާފައި ދެން އަންނަ ކޮންމެ ރޯދަ މަހެއްގައި ވެސް ސްކޫލްތައް ބަންދުކުރެވޭނެ ގޮތެއް ހަމަޖެއްސޭތޯ. އެއްވެސް ވަރަކަށް ކިޔަވައިދޭ ގަޑިތައް ނުގެއްލޭނެ ގޮތަކަށް." ރައީސް ވިދާޅުވިއެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު މި އަހަރުގެ ދިރާސީ އަހަރު ފަށާނީ އަންނަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. އަންނަ އަހަރުން ފެށިގެން ޖެނުވަރީގައި ދިރާސީ އަހަރުގެ ކިޔެވުން ފަށާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *